ރަށްރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު މިހެން ވިދާޅުވީ، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ކައުންސިލާ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ނަރުދަމާ ފުރިހަމަވެފައި ނެތުމާއި އާ އިންޖީނުގެ އެޅުމާއި ޒަމާނީފެންވަރަށް މަގުތައްހަދައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ދެއްކެވި ވާހަކަގައި ރަށްރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. ނައިބު ވަނީ، ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބައްލަވައި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރި ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައިކަން ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ ނައިބުގެ މިދަތުރުފުޅުގައި ވަނީ ނޮޅިވަރަމް ހެލްތު ސެންޓަރަށާއި ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން ނޮޅިވަރަމް ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވާ ނައިބުވަނީ އެތަނުގެ ވަސީލަތްތަކާއި ހިދުމަތް ހުރިނެތް ގޮތް އޮޅުން ފިލުއްވާ ސިއްހީ މަރުކަޒުގައި އެވަގުތު ހިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވާ ހާލު ބައްލަވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ނޮޅިވަރަމް ސްކޫލަށް ޒިޔާރަތްކުރައްވާ އެސްކޫލުގެ ކަންކަން ބައްލަވާލައްވާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އަދި ނޮޅިވަރަމް ސްކޫލުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.