އިންޓަނޭޝަނަލް މެގަޒިން އަކަށް ނެގި ބަރަހަނާ ފޮޓޯ ޝޫޓެއްގެ މައްސަލައިގައި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންވީރު ސިންހް މުމްބާއީ ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި ފޮޓޯ ޝޫޓަށް ފަހު ފޮޓޯ ޝޫޓްގެ ފޮޓޯތައް ރަންވީރު އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރުމާއެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ރަންވީރަށް ފާޑުކިޔަމުންނެވެ. އަބަދުވެސް ފެޝަން ކަންތައްތަކަށް ލޯބިކުރަމުން އަންނަ ރަންވީރު މުމްބާއީ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހަށެވެ.

ބަޔަކު މީހުން މުމްބާއި ފުލުހުންނަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ފޮޓޯތަކުގެ ސަބަބުން އަންހެނުންނާ ފިރިހެނުންގެ އަބުރު ގެއްލިދާނެތީ މި މައްސަލަ ބަލަންޖެހޭ ކަމަށެވެ. އެންމެ ފުރަތަމަ ރަންވީރު ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީހުގައި ރަންވީރަށް ފުލުސް އޮފީހަށް ހާޒިރުނުވެވޭތީ މި ތާރީހު މި މަހުގެ 22 ވަނަ ދުވަހަށް ފަސްކުރީއެވެ. ރަންވީރުގެ މި ފޮޓޯތަކަށް ބޮލީވުޑްގެ އެތައް ބަޔަކު ތައުރީފް ކުރަމުން އައިއިރު އެ މީހުން ބުނަނީ މި ފޮޓޯތައް ނެގުމަކީ މައްސަލައެއް ނޫންކަމަށާއި އެއީ އޭނާ ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންވީރު ސިންހް އެންމެ ފަހުން ފެނިގެންދިޔައީ "83" އިންނެވެ. މި ފިލްމަކީ އޭނާ އާއި ދީޕިކާ ޕަޑުކޯން ކައިވެނިކުރުމަށް ފަހު ދެތަރިން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ. އޭނާ ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސޫރިޔަވަންޝީ"، "ގަލީ ބޯއި"، "ސިމްބާ" އަދި "ޕަދުމާވަތު" ހިމެނެއެވެ. ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ "ސާކަސް" އެވެ.