ރާއްޖޭގައި ގޮދަން ފުށް އުފައްދާ ފެކްޓްރީއެއް ތަރައްގީ ކުރަން އިއުލާންކޮށްފައި ވާ އިރު، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ގާއިމުކުރާ ކާރުހާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށް ކަމަށެވެ. ގޮދަން ފުށް ފެކްޓަރީ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އެ ފެކްޓްރީގެ މަސައްކަތް އަންނަ އަހަރު ފަހު ކޮޅު ނިންމާލެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

މިހާރު ކުރަން ޖެހޭ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން އަމްރު ވިދާޅުވީ، މި މަސައްކަތަށް ކުރަން ޖެހޭ ދެ ކަމުގެ ތެރޭގައި އެއް ކަމަކީ އެ ފެކްޓްރީގެ އިމްރާތް އެޅުން ކަމަށާއި ދެވަނަ ކަމަކީ އެތަނަށް ބޭނުންވާ މެޝިނަރީޒް އާއި ސާމާނު ގެނައުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ އެ ފެކްތްރީ އިމްރާތް ކުރުން ކަމަށް އަމްރު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުގައި ފުށް ސަބްސިޑީއަށް ބޮޑު ހަރަދެއް ކުރާ ކަން ފާހަގަ ކުރައްވަމުން އަމްރު ވިދާޅުވީ، ފެކްޓްރީގެ ސަބަބުން އެ ހަރަދު ކުޑަވެގެން ދާނެ ކަމަށާއި އޭގެ ސަބަބުން ރައްކާ ކުރެވޭ ފައިސާއިން ސަރުކާރުން އެހެން ކަންތައްތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ. ހަމައެއާއެކު ދިވެހިންނަށް ތާޒާކޮށް ފުށް ލިބޭނެ ގޮތް ތަނަވަސް ވެގެން ދާނެ ކަމަށާއި ފުށުގެ ރައްކާތެރިކަމުގެ ޔަގީން ކަން ލިބިގެން ދިއުމާއި ތަފާތު ވައްތަރުގެ ފުށް ލިބިގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

މި ފެކްޓްރީ އަޅާނެ ކަމަށް އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މި ފެކްޓްރީ އެޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީގައެވެ.