ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް އަޒްކާ ދޮރާއި ދިމާލަށް ހިނގައިގަތެވެ. "އަނެއްކާ އައީ.." މާއިޝް އަޒްކާ އަށް އަޑު ނީވޭ ހާ މަޑުން އެހެން ބުނީ ރައިފާ އައީ ކަމަށް ބަލާފައެވެ. ނަމަވެސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ މުއާން އެވެ. މުއާން އެތެރެއަށް ވަންނަން ތަން ދެމުން އަޒްކާ އެއްފަޅިއަކަށް ޖެހެލިއެވެ. "ބުރޯ ކޮބާ ކީކޭ އެންގީ ދެއްކީމަ.." މުއާން ސުވާލު ކުރީ އަޒްކާ ޑޮކްޓަރަށް ދައްކަން ދާ ވާހަކަ ބުނެފައި އޮތުމުން އެކަމާ ބެހޭގޮތުންނެވެ. "ދެ ދުވަސް ފަހުން އެޑްމިޓުވާންވީއޯ ދޯ އަޒޫ..ބޭބީ ގާލް އަންނަ ދުވަސް ކައިރި ވަނީ މިހާރުދެން..މިއަދު ދެން ޓެސްޓުތައް ވެސް ހަދާލާފަ މިއައީ..މިރޭ ރިޕޯޓުނަގަން ދާން ބުނީ.."މާއިޝް ބުނެލިއެވެ. "އަޒޫ ނުދިޔަސް ރިޕޯޓު ނެގޭނެ..ކާޑު ހިފައިގެން ދިޔައިމަ ދޫކުރާނެ ކޮންމެ މީހަކު ދިޔަސް.." މުއާން އެހެން ބުނުމުން މާއިޝް ބޯޖަހާލިއެވެ.

އާ ދުވަހަކަށް އިރު އެރިއެވެ. އަޒްކާ ބަނޑުގައި ރިއްސާވަރުން ނުތެދުވެވިފައި އޮތެވެ. "އަދިވެސް ތަދުވޭތަ ވަރަށް.." މާއިޝް ގެ މޫނުމަތިން ހާސްކަންފެންނަން ހުއްޓެވެ. އަޒްކާ އެހާ ވޭނުގާ އުޅޭތަން ފެނުމުން އޭނާގެ ހިތަށް ތަދުވަނީ އެވެ. އެވަގުތު ކޮޓަރީގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. ބޭރުގައި ހުރި މީހާ ނުފެނުނަސް އެއީ ރައިފާ ކަން މާއިޝް ގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. މިވަގުތު އަޒްކާ އެހާ ވޭނުގައި އުޅެނިކޮށް ރައިފާ އާއި އިތުރު ޒުވާބެއް ކުރާކަށް މާއިޝް ބޭނުމެއް ނޫނެވެ. އެހެން ކަމުން އަޑު ނީވޭ ކަމަށް ހަދައގެން އިނީއެވެ. "މާއިޝް..ދޮރުހުޅުވާލަބަ..ރައީ ކަންނޭނގެ އެއީ.." އަޒްކާ ގެ އަޑަށް މާއިޝް ސިއްސައިގެން ދިޔައެވެ. ހިތާއި ދެކޮޅަށް ނަމަވެސް އޭނާ އަށް ޖެހުނީ ދޮރުހުޅުވާށެވެ. އެއްމެ ފުރަތަމަ ދުވަހުވެސް އަޒްކާ އަށް ރައިފާ އަކީ އޭނާގެ ކުރީގެ ލޯބިވެރޔާ ކަން ބުނެދެވުންނަމައޭ މާއިޝް ގެ ހިތަށް އަރާ ވަރު މިހާރު މަދެއް ނޫނެވެ. ރައިފާ އަށް އޭނަ އާއި ކައިރިވާނެ ފުރުސަތު ދެވުނީތީ އޭނާ މިހާރު އެކަމާ ލަދުގަނެއެވެ. އެހުރިހާ ކަމެއް އަޒްކާ އަށް އިނގޭ ދުވަހު އޭނާ އަށް ވާނެގޮތަކާއި މެދު ވިސްނާލިޔަސް މާއިޝް ގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އެއްކޮޅުން އަޒްކާ އެއިނީ މާއިޝް ގެ ދަރިއަކަށް ބަލިވެއެވެ.

މާއިޝް އަށް ހީކުރެވުނުގޮތަށް ދޮރުމަތީގައި ހުރީ ރައިފާ އެވެ. "ސައިބޯން ނާންނާތީ..ކޮބާ އަޒޫ.." ރައިފާ ސުވާލު ކުރީ ދޮރުމަތީގައި ހުރި މާއިޝޤ އާއެވެ. "ބަނޑުގަ ރިއްސާތީ ނުތެދުވެވިފަ އޮތީ..ކޮޓަރިއަށް ގެންނާނީ ސައިދޭން އެއްޗެހި.." އެހެން ބުނުމަށްފަހު މާއިޝް ކޮޓަރިއަށް ވަނެވެ. ދޮރުހުޅުވާފައި މާއިޝް ދިޔުމުން ރައިފާ ކޮޓަރި ތެރެއަށް ވަނީ އަޒްކާ ގެ ހާލުބަލާލާށެވެ. މާއިޝް ބުނިގޮތަށް އަޒްކާ ފެންނަނީ ވަރަށް ބަލިކޮށެވެ. "އަޒޫ ސައިބޯން އުޅޭ ދޯ..ކޯޗެއް ގެނެސްދޭންވީ.." ރައިފާ އަހާލިއެވެ. މިގަޑީގައި ކާހިތެއް ނެތް ކަމަށް އަޒްކާ ބުނުމުން މާއިޝް އަޒްކާ އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "އަޒޫ..ރަނގަޅަށް ކާންވާނެ އޭ..ނުކައި ހުރިއްޔާ ބަނޑުގަ ރިހުން ގަދަ ވާ ގަޑީގަ އަޒޫ ކިހާ ވަރުބަލިވާނެ..މަންމަ ވެސް އަންނަ ގޮތަށް މަށާ ދިމާލަށް އެއްޗެހި ކިޔާލާނެ އަޒޫ އަށް ކާން ނުދިނިއްޔާ..ހިނގާބަ ދެން އެއްޗެއް ކާލަން." މާއިޝް އެހާ ލޯބިން ބުނުމުން ނޫނެކޭ ބުނާކަށް ވެސް އަޒްކާ އަކަށް ނުކެރުނެވެ.

"އަދިވެސް ތަދުވާތީ އުޅެނީ..މިހާރު މިދަނީ ގޮވައިގެން ހޮސްޕިޓަލަށް.." މާއިޝް ވާހަކަ ދެއްކީ މުއާން އާއެވެ. އަޒްކާ ބަނޑުގައި ރިއްސާތީ އުޅޭ ހަބަރު ރައިފާ ގެ ފަރާތުން އޭނާ އަށް ލިބުމުން ހާލު ބަލާލަން ގުޅާލީއެވެ. "އޭ ބުރޯ މަންމަ އެބަ ގުޅާ މަ ގުޅާނަން ކައެ އަށް އެކޮޅަށް ގޮސް ވާނުވާ ބަލާފަ.." ނަޒީރާ ގުޅާވަހަކަ ބުނުމަށްފަހު މާއިޝް ފޯން ކަނޑާލިއެވެ. "ކޮބާ އަޒޫ މިހާރު..މަންމަ މިހާރު ފްލައިޓަށް އަރަނީ މި..."އަޒްކާ ބަނޑުގައި ރިއްސާތީ އުޅޭވާހަކަ މާއިޝް ގުޅާފައި ބުނުމުން ނަޒީރާ މެންދުރު އިން ފްލައިޓުން ޓިކެޓު ނެގީއެވެ. "މިހާރު ހޮސްޕިޓަލަށް މި ވަދެވެނީ..މަންމާ މަށަށް ނުދެވިދާނެ މަންމަ އަންނަ ތަނަށް އިނގޭ..މުއާން ދާނެ މަންމަ ބަލާ..އެއްމެ ރަނގަޅުތަ.." މާއިޝް އެހެން ބުނުމުން މައްސަލައެއް ނެތް ކަމަށް ބުނުމަށްފަހު ނަޒީރާ ފޯން ކަނޑާލިއެވެ.

ހޮސްޕިޓަލަށް ދެވުމާއިއެކު އެމަޖެންސީ ބަޔަށް އަޒްކާ ވެއްދުނެވެ. 15 ވަރަކަށް މިނެޓުފަހުން އެމަޖެންސީ ބައިގެ ދޮރުހުޅުވާލާފައި ޑޮކްޓަރު ނިކުމެގެން އައިސް މާއިޝް ގެ ކައިރީ ހުއްޓުނެވެ. "ލޭބާ ރޫމަށް ޝިފްޓު ކޮށްލާނެ އިރުކޮޅެއް ތެރޭ..ދެން ވަރަށް އަވަހަށް ވިހާފާނެ.." އަޒްކާ ވިހަން ތައްޔާރުވެފައި އިން ވާހަކަ ބުނުމަށްފަހު ޑޮކްޓަރު އަނެއްކާވެސް އެތެރެއަށް ވަދެގެން ދިޔައެވެ. "ބޭބީ އެއްޗެހި ހިފައިގެން ތޯ އައީ.." ނަރުސް ކުއްޖެއް މާއިޝް އާއި ސުވާލު ކުރިއެވެ. "ނޫން.. ކުޑަ އިރުކޮޅަކުން އަންނާނެ ހިފައިގެން.." މާއިޝް އެހެން ބުނުމުން އެއްމެ ރަނގަޅުކަމަށް ބުނުމަށްފަހު ނަރުސް ކުއްޖާ ދިޔައީއެވެ. މާއިޝް ފޯން ނަގާ މުއާން އަށް ގުޅާލިއެވެ. ދެ ފަހަރަކު ރިންގު ވީ އިރަށް މުއާން ފޯންނެގިއެވެ. "ބުރޯ..ވިހަން ވައްދަނީ އޯ މިގަޑީގަ..ގެއަށް ޖައްސާލަވޭނެތަ މިގަޑީގ "އާނ ކިހިނެއް ހަދަންވީ.." މުއާން އެހިއެވެ. "ކޮޓަރީގަ އިންނާނެ ޕިންކް ބާސްކެޓެއް ބޭބީގެ..އޭތި ގެނެސްދީބަ ވަރަށް އަވަހަށް މިކޮޅަށް..އެމަޖެންސީ ބައިގަ މިހިރީ.." މާއިޝް އެހެން ބުނުމުން 10 ވަރަކަށް މިނެޓު ތެރޭ މިކައިރި ކުރަނީ ކަމަށް ބުނެފައި މުއާން ފޯން ކަނޑާލިއެވެ.

ލޭބާ ރޫމް ބޭރުގައި ދެފަހަރު ދެކޮޅަށް ހިނގާލަ ހިނގާލާ މާއިޝް ހުއްޓެވެ. މުއާން ވެސް އޭނާގެ ކައިރީ ހުއްޓެވެ. "މަ މިއަންނަނީ އެއާޕޯޓަށް ގޮއްސަ..ކަމެއް ބޭނުން ވިއްޔާ ގުޅާލާ އިނގޭ..މަންމަ ގޮވައިގެން މަ އަންނާނަން މިކޮޅަށް.." އެހެން ބުނުމަށްފަހު މުއާން ލިފްޓަށް އެރިއެވެ.

މާއިޝް ގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އަލަތު ދަރިފުޅާ ބައްދަލުވާ ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް އޭނާ ގެ ހިތަށް ބުނެދޭން ނޭންގޭ އިހުސާސް ތަކެއް ކުރުވަމުން ދިޔައެވެ.

ބައިގަޑިއިރެއްހާއިރު ފަހުން ނަޒީރާ މަތިން މާއިޝް ހަނދާންވިއެވެ. އަވަސް އަވަހަށް ފޯން ނަގާ ނަޒީރާ އަށް ގުޅާލިއެވެ. "މަންމަ ކޮބާ..މުއާން އާ ދިމާވެއްޖެ ތަ.." ފޯން ނެގި އިރަށް މާއިޝް އަހާލިއެވެ. "މިހާރު މިވަންނަނީ ގެއަށް..ފޮށި ލާފަ މިދަނީ ތިތަނަށް..ވިހައިފި ތަ މިހާރު.." މާމަ ދަރިފުޅު ދެކިލާ ހިތުން ނަޒީރާ ވެސް ހުރީ ކެތްމަދުވެފައެވެ. އަދި ނުވިހާ ކަމަށް ބުނުމަށްފަހު މާއިޝް ފޯންކަނޑާލިއެވެ.

ނަޒީރާ އަށް ގެއަށް ވަދެވުނު އިރު ރައިފާ ހުރީ ކާން ހަދައިގެންނެވެ. "ދައްތާ ކައިގެން ދާންވާނީ އިނގޭ..ދެން ނޭންގެ ގޮއްސާ އާދެވޭނެ އިރެއްވެސް..ނުކައި ގޮސްގެން ކަމަކު ނުދާނެ.." ރައިފާ އެހެން ބުނުމުން މުއާންވެސް އެކަމަށް އެއްބަސްވިއެވެ.

"މިހާރު ވަރަށް ލަސްވެއްޖެ..ހިނގާ އަވަހަށް ދާން.." ކައިގެން ބޭރަށް ނިކުން ގޮތަށް ނަޒީރާ ބުންޏެވެ. މުއާންވެސް އިތުރަށް އިންކާރު ނުކޮށް ބޯޖަހާލިއެވެ. "މި ހިފައިގެން ދޭ މާއިޝް އަށް ދޭން..އޭނަވެސް ނޭނގެ ކޭ ކަމެއް.." ނަޒީރާ އަތަށް ބަތް ޕާރުސަލެއް ދިއްކޮށްލަމުން ރައިފާ އެހެން ބުނުމުން ނަޒީރާ އެކޮތަޅުގައި ހިފިއެވެ.

ނަޒީރާ މެންނަށް ހޮސްޕިޓަލަށް ދެވުނު އިރުވެސް މާއިޝް ދެފަހަރު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. "ބުރޯ..އަޒޫ ބިހާނެ އޭ ކައެ ތިތާ ދޮރުމަތީ ކުނަ މެއްސެއް ހެން ނޭނބުރި މަޑުން ހުއްޓަސް.." މުއާން ގެ އެ ޖުމްލައިން ނަޒީރާ އަދި މާއިޝް އަށް ވެސް ހެވުނެވެ. "އަވަހަށް އިއްތާ މިތާ..ދަރިފުޅު އަންނަން ވާއިރަށް ބައްޕަ ގައިގަ ވަރު ޖައްސަން ޖެހޭނެ އެއްނުން..އަވަހަށް ކާންވީދެން.."ނަޒީރާ އަތުގައި އޮތް ކޮތަޅު މާއިޝް ގެ އަތަށް ދެމުން ކާން ބުންޏެވެ.

ބަނޑުހައި ހޫނުކަންވެސް އޭނާ އަށް އިހުސާސްވީ ކާ އެއްޗެހި ފެނުމުންނެވެ.

ބައިގަޑިއެއްހާއިރު ފަހުން ލޭބާ ރޫމް ދޮރުހުޅުވާލާފައި ނަރުސް ކުއްޖެއް ނިކުތެވެ. "މަރުހަބާ ވިހައިފި...އަންހެން ކުއްޖެއް ...ބޭބީގެ ވެސް މަންމަ ގެ ވެސް ހާލު ރަނގަޅު..ކުޑަ އިރުކޮޅެއް ތެރޭގަ ބޭބީ ދައްކާލަން ނެރެލާނަން.." ނަރުސް ކުއްޖާ ދިން ހަބަރުން މާއިޝް އަށް ރޮވުނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ވިދާލިއެވެ. ނަޒީރާގެ ވެސް ހާލަކީ އެއީއެވެ. ފުރަތަމަ މާމަ ދަރިފުޅު ލިބުމުން އޭނާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެވަގުތު ނަޒީރާގެ ފޯން ރިންގުވާން ފެށިއެވެ. "ކޮބާ އަޒޫ މިހާރު ވިހައިފި ތަ.." އެކޮޅުން ވާހަކަ ދެއްކީ ލާރާ އެވެ. ކައިރީގައި މީޝާ އާއި ހައިކަލް އަދި އާދިލް ވެސް އުޅެއެވެ. "ވިހައިފި ހަމަ ދެންމެ..އަންހެން ކުއްޖެއް.." ނަޒީރާ އެ އުފާވެރި ހަބަރު އެކުދިންނާ ހިއްސާ ކުރިއެވެ.

މާ ގިނަ އިރުތަކެއް ނުވަނީސް އަޒްކާ އާއި މާއިޝް ގެ ފުރަތަމަ ދަރިފުޅު ލޭބާ ރޫމް އިން ނެރުނެވެ. "ހަމަ އަޒޫގެ ތުންފަތް.."ދަރިފުޅު ފެންނައިރަށް މާއިޝް އަށް ބުނެވުނީ އެހެންނެވެ. "މަންމާ މަށަކަށް ނުކެރޭނެ އެހާ ކުޑައިރު އުރާކަށް..މަންމަ އުރާލަބަ.."ދަރިފުޅުގެ ފޮޓޯއެއް ނެގުމަށްފަހު ނަޒީރާ ކައިރީ ދަރިފުޅު އުރާލަން މާއިޝް ބުންޏެވެ. "މަންމަ ކިހިނެއް..ކިހާ އިރަކުން ނެރޭނީ.." މާއިޝް ސުވާލު ކުރީ ނަރުސް ކުއްޖާ އާއެވެ. އަޒްކާ ދެކިލާ ހިތުންވެސް އޭނާ އަށް މިހާޜު ހުރެވެނީ އެއް ނޫނެވެ. "މަންމަ ގެ ހާލުވެސް ރަނގަޅު..ގަޑިއެއްހާއިރު ފަހުން ނެރެލާނެ.." ނަރުސް ކުއްޖާ ބުންޏެވެ.

ނަޒީރާ މެން ދަރިފުޅު އުރާލުމުން އަނެއްކާވެސް ލޭބާ ރޫމަށް ކުޑަމީހާ ވެއްދިއެވެ.

"އަޒޫ ކިހިނެއް.." އަޒްކާ ގެ އަތުގައި ހިފާލައިގެން އޭނާގެ މަގަތުގައި އިން މާއިޝް އަހާލިއެވެ. "ރަނގަޅޫ..ބޭބީ އުރާލިން ތަ..މާއިޝް ގެ ދެލޯ ހަމަ އެއީ ހާދަ ވައްތަރޭ..އެ ބުމަ ވެސް..އިސްތަށިކޮޅުވެސް..ނޭފަތް ވެސް..ހަމަ މާއިޝް އެޔަކީ.." އަޒްކާ ބުނެލިއެވެ. "އަޒޫ ގެ ތުންފަތް ހަމަ.." މާއިޝް ފަހަތުން ބުނެލިއެވެ. އެވަގުތު ކުޑަ އެނދުގައި އޮތް ދަރިފުޅު ރޯލި އަޑު އިވުނެވެ. "ދީބަ ބޭބީ ނަދާފަ..ބަނޑުހައިވެގެން ކަންނޭނގެ އެ ރޮވެނީ.." މާއިޝް ގެ ކައިރިން ކުޑަމީހާ ނަގައިދޭން އަޒްކާ އެދުނެވެ. "ވިހައިގެން ދައްކާލަން ނެރުން ގަޑީގަވެސް ނުކެރުން އުރާކަށް.." މާއިޝް ބިރުގަންނަ ވާހަކަ ބުނުމުން އަޒްކާ އަށް ހެވުނެވެ. އަޒްކާ ނުވިހާ އިރު ބޭބީ އާ ހެދި މާއިޝް އުޅުން ވަރު ހަނދާންވުމުންނެވެ. މާއިޝް ކުޑަކުދިން ދެކެ އެހާ ބިރުގަންނަ ކަމެއް އަޒްކާ އަކަށް މީގެ ކުރިން އިނގެފައެއް ނުވެއެވެ. "އަޅެ..އޯކޭ ވާނެ އޭ..ކަނދުރާ ގަ ހިފަހައްޓާފަ ދަށަށް އަތް ލާފަ ހަމަ އުރާލަންވީ.." އަޒްކާ އެހެން ބުނުމުން ވަރަށް ބިރުން ހުރެގެން މާއިޝް ކުޑަމީހާ ނަގާ އަޒްކާ ކައިރީ ބާއްވާލިއެވެ.

ވަގުތުތަށް ފާއިތުވަމުން ގޮސް އިރު އޮއްސިއްޖެއެވެ. ކުޑަމީހާ އާއި މައްލަވަ ކުރަން އިން މާއިޝް ފެންނަ ކޮންމެ ވަގުތަކުވެސް އަޒްކާ އަށް ހީލެވެއެވެ. މާއިޝް އުޅޭލެއް ލޯބިކަމުންނެވެ.

"ކޮބާ އަވަހަށް ނިދަން ދޭ ދެން..ހެނދުނު ހޭލައިގެން އަންނާތި އަވަހަށް..ސައި ހިފައިގެން.."ނަޒީރާ ވާހަކަ ދެއްކީ މާއިޝް އާއެވެ. ނަޒީރާ އެހެން ބުނުމުން އަޒްކާވެސް އެދުމުގެ މަތިން މާއިޝް ގެއަށް ދާން ނިކުތީ ވަރުބަލިވެފައި ހުރުމުން އަރާމުކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

މާއިޝް އަށް ގެއަށް ދެވުނު އިރު ދޮރުހުރީ ތަޅުލާފައެވެ. އަވަސް އަރުވާލާފައި ހޮސްޕިޓަލަށް ދިޔުމުން ތަޅުދަނޑި ގެންދަން އޭނާ ހަނދާން ނުވީއެވެ. އެހެން ކަމުން ބެލް ޖަހާލުމަށްފަހު މާއިޝް ބޭރުގައި މަޑުކޮށްލިއެވެ. މާގިނަ އިރުތަކެއް ނުވެ ރައިފާ ދޮރުހުޅުވާލިއެވެ. މިގަޑީގައި ގޭގައި އެދެމީހުން ފިޔަވާ އެހެން މީހަކު ނޫޅޭނެކަން މާއިޝް ހަނދާނަށް އައީވެސް ދެނެވެ. ދޮރު ބިއްދަށުގައި ހުރުމުން ރައިފާ އެއް މާއިޝް އަކަށް ނުފެނެއެވެ. އެހެން ކަމުން އޭނާ ގެއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި ފަހަތަށް އެނބުރިލިވަގުތު ރައިފާ ފެނިފައި އޭނާގެ ފިޔަވަޅު ހުއްޓުނެވެ. ހީވީ މީހަކު އޭނާގެ ފައިގައި ކަސްތޮޅު އަޅުވާ ބާރުކޮށްލިހެންނެވެ. ވާނީވެސް އެހެންނެއް ނުން ހެޔެވެ.

ކުރު ސޯޓު ކޮޅަކާއި ގައިގެ އެތެރެ ފެންނަ ކަހަލަ ގަމީސް ކޮޅެއް ލައިގެން ހުރި އިރު ރައިފާ ގެ ހަށިގަނޑުގެ ވަނާތަށް ހުރީ ހާމަޔަށް އިނގޭށެވެ. ނުފެންނަކަމަށް ހަދާފައި މާއިޝް އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހުއްޓެން މަޖުބޫރުވީ ރައިފާ އައިސް އޭނާގެ އުނަގަނޑުގައި ފަހަތުން ބެއްދުމުންނެވެ.ސިއްސައިގެންގޮސް މާއިޝް އަށް ރައިފާ ދުރަށް ކޮށްޕާލެވުނެވެ. ފައި ކަހާލައިގެން ގޮސް އޭނާ ވެއްޓި މުށިގަނޑުމަތީ ޖެހުނެވެ. "އަދިވެސް މީހުންނަށް ޖެއްސުން ކުރަން ވާނެ.." ފަހަތަށް ބަލާ ނުލާ އެހުރި ގޮތަށް ހުރެފައި މާއިޝް އެހެން ބުނުމަށްފަހު ހިނގައިގަތެވެ. އެވަގުތު ރައިފާ ގެ ގިސްލުމުގެ އަޑު މާއިޝް ގެ ކަންފަތުގައި ޖެހުނެވެ. އެ އަޑުގައި ވޭން ހުއްޓެވެ. އެއްވެސް އިހޔތިޔާރަކާއި ނުލާ މާއިޝް އަށް ރައިފާ އާއި ދިމާލަށް ބަލާލެވުނެވެ. އޭރު ނުތެދުވެވިގެން އޭނާ އުޅެއެވެ.

އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރުމުން ތަދުވަނީ އުނަގަނޑަށްކަން ދެނެގަންނާކަށް މާއިޝް އަކަށް މާ އުނދަގުލެއް ނުވިއެވެ. "ސޮރީ ރައީ..ރައީ ދެން ތިކަހަލަ ކަންތައް ކުރަންޔާ ރުޅިގަދަވެސް ވާނެ ދޯ.." ރައިފާ ކައިރިއަށް ތިރިވަމުން މާއިޝް މާފަށް އެދުނެވެ. ދެންވެސް ރައިފާ ބެލީ މާއިޝް އާއި ގާތް ވެވޭތޯއެވެ.އޭނާ މާއިޝް ގެ ކަރުގައި އޮޅުލައިގަތެވެ. ނަމަވެސް މިފަހަރުވެސް މާއިޝް މަސައްކަތް ކުރީ ރައިފާ ދުރުކުރާށެވެ. ރައިފާ ގެ އަތުގައި ހިފާ ބާރުކޮށްލިވަގުތު އޭނާގެ ރުޔުމުގެ އަޑު ގަދަވިއެވެ. "މާއިޝް މަ ކޮޓަރިއަށް ގެންގޮސްދީބަ.."ރޮމުން ރައިފާ އެހެން ބުނުމުން މާއިޝް އޭނާ ކޮޅަށް ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވެސް ވީ ނާކާމިޔާބެވެ. އެހެން ކަމުން މާއިޝް އަށް ޖެހުނީ ރައިފާ އުރާލައިގެން ކޮޓާރިއަށް ގެންދާށެވެ.

މާއިޝް ރައިފާ ނަގާ އޭނާގެ އަތްދަނޑިމައްޗަށް ލިއެވެ. އެވަގުތު ބޯވާ އެއްހެން ރައިފާ މާއިޝްގެ ގައިގާ ތަތްވެލިއެވެ. މާއިޝް އަށް ނޭނގުނު ކަމަކީ އެހުރިހާ ކަމަކީވެސް ރައިފާ ގެ ރޭވުމެއްކަމެވެ.

ކޮޓަރިއަށް ވަދެ އެނދުގައި ރައިފާ ބޭއްވިއިރު އޭނާގެ މޭމަތިން ބޮޑުބައެއް ހުރީ ހާމައަށް ފެންނާށެވެ. މާއިޝް އަނެއް ފަޅިއަށް އެނބުރެލީ އެމަންޒަރު ބަލަން ބޭނުން ނެތިގެންނެވެ. "މަމިދަނީ ނިދާލަން..ކަމެއް ބޭނުން ވެއްޖިއްޔާ ގުޅާލާ.." އެހެން ބުނުމަށްފަހު މާއިޝް ހިނގައިގަތެވެ. ނަމަވެސް އަނެއްކާވެސް ރައިފާ އޭނާ ހުއްޓުވިއެވެ. "ބޭސް ހާކާލަ ދެވިދާނެތަ..ގޭގަ އެހެން މީހަކުވެސް ނެތީމަ.." ރައިފާ އޭނާގެ ދަލުގައި މާއިޝް ޖެއްސުމަށްޓަކައި އަނެއްކާވެސް މަސައްކަތް ފެށިއެވެ. އެއީ އޭނާގެ އަތުން ވީ ކަމެއް ކަމުން ނޫނެކޭ ބުނާކަށްވެސް މާއިޝް އަކަށް ނުކެރުނެވެ. އެހެން ކަމުން ބޭސް ފުޅި ހިފައިގެން ރައިފާ ކައިރީ އެނދުގައި އިއްތާލިއެވެ. މާއިޝް ރައިފާ ގެ ގަމީސް ކުޑަކޮން ހިއްލާލާ ބޭސް ހާކަން ފެށިއެވެ.

"ރައީ ކީއްތިކުރަނީ..ތި ގޮއްތައް ނުނެއްޓިޔަސް ބޭސް ހޭކޭނެ.." ގަމީހުގެ ގޮއްތައް ނައްޓުވަމުން ދިޔަ ރައިފާ ފެނިފައި މާއިޝް އަށް ބުނެވުނެވެ. "ފަސޭހަ ވާނެ މާއިޝް އަށް.." ރައިފާ މާއިޝް ގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ.

ދުވާލުގެ ރަސްގެފާނު ދުނިޔެއަށް މަރުހަބާ ކިޔައިފިއެވެ. މާއިޝް އަށް ހޭލެވުނީ ރައިފާ އޭނާގެ ގައިގާ ކޮއްޓާލުމުންނެވެ. އެވަގުތު އެއްވެސް ނިވާކަމެއް ނެތް ރައިފާ ފއނިފައި މާއިޝް ސިއްސައިގެންދިޔައެވެ. ދަވަނަ ސިކުންތުގައި އޭނާ އަށް އެކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލެވުނެވެ. "މަ މިތާ ކީއްވެ.. ރައީ ކީއްވެ ތިހެން ތިހިރީ.." ރޭގާ ވީ އެއްވެސް ކަމެއް ހަނދާން ނެތް ފަދައިން މާއިޝް ރައިފާ އާއި ސުވާލު ކުރިއެވެ. "މާއިޝް ވަކި ކިހިނެއްތަ ތިއޮތީ.."ރައިފާ އެހެން ބުނުމުން ގައިމަތީ އޮތް ރަޖާ ގަނޑު ހިއްލާލާ އޭނާ ބަލާލިއެވެ. ހަށިގަނޑުގައި އެއްވެސް ނިވާ ކަމެއް ނެތުމުން އޭނާގެ މޫނު ރަތްވިއެވެ. ރޭގާ ވީ ކަންތައް ހަނދާންވާންފެށިއެވެ. "ހިނގާބަ އަދި ދިއުމުގެ ކުރިން..ރޭގަ މާއިޝް ހާދަ ވަރެއް ވެފައޭ ހުރީ.." ރައިފާ މާއިޝް ގެ ގައިމަތީ އޮތް ރަޖާ ގަނޑު ހިތްލާލަމުން މާއިޝް ގެ ގައިމަތީ އޮއްތާލިއެވެ.

"މަ ދާންވެއްޖެ.." އެހެން ބުނުމަށްފަހު މާއިޝް ތެދުވަން އުޅުނުވަގުތު ރައިފާ އޭނާގެ އަތުގާ ހިފަހައްޓާލިއެވެ. "އަދި ނުދެވޭނެ..މަ ބޭނުން ވީމަ މާއިޝް އަސް ދެވޭނީ..މަމީ މާއިޝް ބޭނުން ވީމަ ބޭނުން ހިފާލެވޭނެ މީހެއް ނޫން.."ރައިފާ އެހެން ބުނުމުން މާއިޝް އޭނާގެ އަތް ފޮޅާލިއެވެ. "މަ ނާންނަން ރައިފާ ކައިރިއކަށް..މަށަކަށް ނޭނގެ ރޭގަ ވީ ގޮތެއް..އެހެންވީމަ އެކަނތައް ހަނދާން ނައްތާލިއްޔާ ރައިފާ އަށްވެސް މަށަށްވެސް ރަނގަޅުވާނީ.." މާއިޝް އެހެން ބުނުމުން ވެސް ރައިފާ ގޮތް ދޫކުރާކަށް ނޫޅުނެވެ. "މިބުނީއެއްނުން މަ ބޭނުން ވީމަ އޭ ދެވޭނީ.." އެވަގުތު މާއިޝް ގެ ފޯން ރިންގު ވާން ފެށިއެވެ. ގުޅަނީ އަޒްކާ އެވެ. "އޯ ސްވީޓް ހާޓް..ކީކޭ ބުނަން ވީ،،ނިދާފަ އޭތަ.."މާއިޝް ގެ ފޯންގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ރައިފާ ބުނި އެއްޗަކުން މާއިޝް ގެ ހިތް ތެޅެލިއެވެ. ރައިފާ ފޯން ނަގާ ވާހަކަ ދެއްކިއްޔާ އަޒްކާ އަށް ހުރިހާ ކަމެއް އިނގޭނެއެވެ.

"ނޫން ރައީ..އަހަރުން ދެމީހުން ހަމަޖެހިލައިގެން އުޅުނަ ދީބަލަ.." މާއިޝް އާދޭހުގެ ރާގަކަށް ބުނެލިއެވެ. "ހަލޯ..މާއިޝް ނިދާފަ އޮތީ..ހޭލީމަ ބުނާނަން ދަށޭ.." ރައިފާ ފޯން ކަންފަތުގައި ޖައްސާ ވާހަކަ ދައްކަންފެށިއެވެ. "ކިހިނެއް ރައީ އަތުގަ މާއިޝް ގެ ފޯން ތިއޮތީ.." އަޒްކާ ސުވާލުކުރިއެވެ. "އޭނަ އޮތީ ސޯފާގަ ނިދާފަ..ރިންގު ވާ އަޑު އިވެން ފެށީމަ މިނެގީ.." ރައިފާ ހަގީގަތް ކިޔައި ނުދިނުމުން މާއިޝް ގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. "ދެންވެސް މާ ފޮނި ނުދައްކާތި.." ރައިފާ ފޯން މާއިޝް އާއި ދިމާލަށް އެއްލާލަމުން އިނޒާރެއް ދިނެވެ. "ދެންދޭ މިއަދު..މަ މޫޑުވެސް އޮފް ވެއްޖެ.." ދެންވެސް ވާހަކަ ދެއްކީ ރައިފާ އެވެ. އިތުރަށް އެއްމެ މިނެޓެއްވެސް އެތާ މަޑުނުކޮށް މާއިޝް ގޮސް ކޮޓާރިއަށް ވަދެ ދޮރު ލައްޕާތަޅުލިއެވެ.

ހަފްތާއެއް ފަހެވެ.މިއަދަކީ އަޒްކާ މެން ގެއަށް ދޫކޮށްލާ ދުވަހެވެ. އަޒްކާ އަށް ރައިފާ ގެ ހުރިހާ ވާހަކަތަކެއް ތެދު ތެދަށް ކިޔައިދޭން މާއިޝް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އޭގެ ސަބަބުން އަޒްކާ އޭނާ ދޫކޮށްލިޔަސް އިތުރަކަށް އަޒްކާ އަށް އޮޅުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ.

އެމީހުންނަށް ގެއަށް އައިސް ވަދެވުނީ ރައިފާ ގެ ކުރިމައްޗަށެވެ. މާއިޝްގެ އެއްވެސް އަޅާލުމެއް އެވަގުތު ނުލިބުމުން ރައިފާ ހިތްހަމަ ނުޖެހުނެވެ.

އަޒްކާ އާއި ކުޑަމީހާ ކޮޓަރިއަށް ލުމަށްފަހު މާއިޝް ބޭރަށް ނިކުތީ ފެންފުޅި އެއް ބަލައެވެ. ބަދިގެއަށް ވަދެވުނު އިރު އެތާ ރައިފާ އުޅެއެވެ. "މާއިޝް ތި ލާފަ އާދެބަލަ ކޮޓަރިއަށް.." ރައިފާ ބުނެލިއެވެ. "ނުދާނަން..މަ މިއަދު އަޒްކާ އަށް ހުރިހާ އެއްޗެއް ކިޔައިދޭނަން..މަ ނޫޅެން ކައެ ދެކެ ބިރުން ދެން ހުންނާކަށް.." މާއިޝް ގެ އެ ބަސްތައް އަހާފައި ރައިފާ ޖެހިލުންވިއެވެ. އޭނާއަށް މާއިޝް ގެއްލެން އުޅޭކަމުގެ ބިރު ހިތަށް ވަނުމުން ރުޅިގަދަ ވާންފެށިއެވެ.

"އޭގެ ކުރިން މަ ބުނާނަން މަ މީނީ މާއިޝްގެ ދަރިއަކަށް ބަލިވެ އޭ..ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނީމަ އަޒްކާ މާފު ކޮށްފާނެ..އެކަމް މާއިޝް ގެ ދަރިއަކަސް ނަހަލާލަށް އެހެން އަންހެނެއް ބަލިވެ އިން ކަން އިނގުނީމަ ކިހިނެއް މާފުކުރާނީ.."ރައިފާ ގެ އެ ޖުމްލައިން މާއިޝް ގަނޑުވިއެވެ. ހަގީގަތުގައިވެސް ރައިފާ އެއިނީ އޭނާގެ ދަރިއަކަށް ބަލިވެ ހެއްޔެވެ. މާއިޝް އަށް ކުރެވުނުގު ކުށުގެ އަދަބަކީ މިއީ ހެއްޔެވެ. އަޒްކާ އާއި މާއިޝް ގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭންވީ ދުވަހު މާއިޝް އަށް މިކުރެވުނީ ކިހާ ބޮޑު ކުށެއް ހެއްޔެވެ. އަޒްކާ އަށް ދުވަހަކުވެސް މާއިޝް އަށް މާފު ކުރެވޭނެ ބާއެވެ. އެ ހުރިހާ ހިޔާލުތަކަކުން މާއިޝް ގެ ސިކުނޑި ވަށާލިއެވެ. މިހާ ދުވަހުން އޭނާ ހޯދި ހިތްވަރު ގެއްލިއްޖެއެވެ. ބޮލުގައި އަތް އަޅާ މުށިގަނޑު މައްޗަށް ތިރިވެވުނީ ވީ ދެރައިންނެވެ. އަމިއްލަ އަތުން އެ އުފާވެރި ދިރިއުޅުން ހަލާކު ކޮށްލެވުމުން އޭނާ ގޮތް ހުސްވެއްޖެއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނީ ރައިފާ އަށް އޭނަ އާއި ކައިރިވާން މަގުދައްކައިދެވުނުކަމަށް ގަބޫލު ކުރެވުމުންނެވެ. ޖަވާބު ނޭނގޭ އެތަށް ސުވާލު ތަކަކާއި އެކު މާއިޝް ގޮސް ކޮޓަރި ދޮރުހުޅުވާލިއެވެ.

- ނުނިމޭ