ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ބަންދުން ދޫކޮށްލައިފިއެވެ.

އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ހައްޔަަރުކޮށް ބަންދުކުރި ތިން މީހުންނަކީ:

  • ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު
  • ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)
  • ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު

އެ ތިން މީހުން ދޫކޮށްލާފައިވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވުމުންނެވެ. ނަމަވެސް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ. އެ މީހުން ދޫކޮށްލާފައިވާއިރު، އެ މީހުންނަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް މިދިޔަ އަންގާރަ ދުވަހު ވަނީ ފޮނުވައިފައެވެ.

އަލަމްގިރި އާ އެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުންނަކީ ސަރުކާރުގައި މަސައްކަތްކުރާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަޒީފާތަކުން ސަސްޕެންޑުކޮށް ވަކިކޮށްފައި ވެސް ވެއެވެ.

ނާޒިމާއި، ކާނަލް ނަޝީދު، އަދި އަބްދުއްރަހްމާން ރަފީއުގެ އިތުރުން، އެެއްޖިންސުން ގުޅުން ހިންގި އެހެން މައްސަލައަކާ ގުޅިގެން ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެއެވެ. ނަމަވެސް އޭނާ އާ އެކު ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ ހައްޔަރެއް ނުކުރެއެވެ.