ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ވ. އާރަށު މައްސަލައިގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
މިހާތަނަށް ފަސް މީހެއްގެ ހެކިބަސް ނަގައިފާވާއިރު ޖޫން މަހުގެ 16 އަދި 19 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދެ ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނަގާފައެވެ. އެގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ވަނީ ނަގާފައެވެ.
ޖޫން މަހުގެ 30 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ޓްއަރިޒަމް މިނިސްޓްރީގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ވަނީ ހެކިބަސްދީފައެވެ. އަދި މި މަހުގެ 4 ވަނަ ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ޕާސަނަލް ޑްރައިވަރު މުހައްމަދު ހުސައިން (އޮއިއްޓޭ) ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފައިވާއިރު މި މަހުގެ 9 ވަނަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވެސް ވަނީ ހެކިބަސްދީފައެވެ.