ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކު ދޫކޮށްލައިފިއެވެ.

"ދަ ޕްރެސް" ކަށަވަރު ކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ކޯޓުން އިތުރު މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލީ ކާކު ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޔޯގާ ހަމަނުޖެހުމުގެ ތެރެއިން މިމަހު 9 ވަނަ ދުވަހު ވަނީ 4 މީހަކު ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލާފައި ވަނީ ޝަރުތުތަކާއެކުއެވެ.

ޔޯގާގެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައި ވާއިރު ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައި ވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިހު އާދަމް ނިޝާން ބިން އަލީ އާދަމްގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރިއެވެ. އެހެންނަމަވެސް އެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.