ފާހިޝް ވީޑީއޯ ފަތުރާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހުލާގިއްޔާތު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން އެހެން ވިދާޅުވި އިރު، ގާނޫނުލްއުގޫބަތާއި ޖިންސީ ކުށުގެ ގާނޫނޫގައި މިހާރުވެސް ކުށް ކަނޑައަޅާފައި އެބައޮތެވެ.

ސީދާ ފާހިޝް ވީޑިއޯ ބަސް ބޭނުންކޮށްފައި ނެތް ނަމަވެސް ޖިންސީ ކުށުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި، މީހަކު އޮރިޔާންކާޑު ހެދުމަކީ ކުށެއް ކަމަށާއި، އަދި އުފައްދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމު ކުރުމަކީ ވެސް ކުށެއް ކަމަށް އެބައޮތެވެ. އޮރިޔާންކާޑު އުފެއްދުމުގެ ކުށަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޮތް އިރު އޮރިޔާން ކާޑު އާންމުކުރާ ފަރާތްތަކަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ ގާނޫނުގައި އެބައޮތެވެ.

އަދި މީހެއްގެ ރުހުމަކާނުލައި ހަދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކުރުމަކީ ވެސް ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް އެ ގާނޫނުގައި އެބައޮތެވެ.

އޭގެ އިތުރަށް ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައި ވެސް އެއަށް ރިޔާއަތް ކުރާ ވާހަކަ އެބައޮތެވެ. އެ މާއްދާގައި ބުނަނީ އެއްޗެއްގެ ހަޑިހުތުރުކަން އެނގިހުރެ ނުވަތަ އޭގައި ވާ އެއްޗަކީ ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫންވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށެވެ. އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ބަޔާން ކޮށްފައި ވާއިރު 4 މަހާއި 24 ދުވަހުގެ އަދަބެއް އަންނަ އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 1 އަހަރުގެ ހުކުމެއް އަންނަ ކުށެކެވެ.

ފާހިޝް ވީޑިއޯގެ ވާހަކަ އިމްރާން ވިދާޅުވެފައި މިވަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާ އެކު ގިނަ އަދަދެއްގެ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާލެއް ގިނަކަމުންނެވެ.

އަލަމްގިރިއާއެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯސަލް މީޑިއާގައި ދައުރުވެފައި ވާއިރު އެ މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކާއި ޓީޗަރުންތަކަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި މުދިމެއްގެ އިތުރުން އެމްއެންޑީއެފްގެ މީހަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްވެސް ހިމެނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައި ވަނީ 4 މީހެކެވެ. އެއީ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއް ރަހްމާން ރަފީއު އާއި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމެވެ.

މީގެ ތެރެއިން ނަސީރު ފިޔަވައި ބާކީ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ. އަދި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ. ނަސީރު ހައްޔަރުކުރީ އެހެން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގައިގެންނެވެ. ނަމަވެސް އެމީހާ ފުލުހުން ހައްޔަރެއް ނުކުރެއެވެ.

ފުލުހުން އެންމެ ފަހުން ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވާކަމަށެވެ.