ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީއަށް ބަދަލު ގެނެސް އާ އަޕްޑޭޓްގެ މައުލޫމާތު މެޓާގެ ޗީފް އެކްސެކިއުޓިވް މާކް ޒުކަބާގް ހާމަކޮށްފިއެވެ.

މާކް ބުނީ އާ އަޕްޑޭޓާއެކު ވަޓްސްއެޕަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށާއި އެ އެޕްވެގެންދާނީ ސެކިއުރިޓީ ވަރުގަދަ އެއް އެޕަށެވެ. އާ އަޕްޑޭޓާއެކު ހާސްކަމެއް ނެތި މީހުންނާ ވާހަކަ ދެއްކޭނެ ކަމަށާއި ގްރޫޕް ޗެޓު ތަކުން މީހުންނަށް ނޭނގި ގްރޫޕުން ނިކުމެވޭނެ ކަމަށް މާކް ވަނީ ބުނެފައެވެ. މި އާ އަޕްޑޭޓް މި މަސްތެރޭ ފޯނަށް އަންނާނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ވަޓްސްއެޕަކީ އެންމެ މަގްބޫލު އެއް އެޕްލިކޭޝަނެވެ. ޕްރޮޑަކްޓް ހެޑް އަމީ ވޯސާ ބުނީ އާ އަޕްޑޭޓް ގެނައުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ މީހުންނަށް ޕްރައިވެސީ ދިނުންކަމަށެވެ.

"އަހަރުމެން ގަބޫލުކުރަނީ ވަޓްސްއެޕަކީ އެންމެ ރައްކާތެރި އެޕުކަމަށް. މިހާތަނަކަށް އެއްވެސް ބަޔަކު މިހާބޮޑު ޕްރައިވެސީ އެއް އާންމުންނަށް ދީފައެއް ނުވޭ،"

މީގެ އަށް އަހަރު ކުރިން ފޭސްބުކުން ވަޓްސްއެޕް ގަތީ 19 ބިލިއަން ޑޮލަރަށެވެ. ވަޓްސްއެޕްގެ އާ ފީޗާ މެސެންޖާ، ޓެލެގްރާމް އަދި ވައިބާގައި ވެސް އަދި ބޭނުމެއް ނުކުރެއެވެ. މިއީ އާންމުންގެ މެދުގައި އެފަދަ އެޕްތަކަށް އޮންނަ އިތުބާރު ބޮޑުކޮށް ޒާތީ މުއާމަލާތްތައް ވީހާވެސް ބޮޑަށް ސިއްރު ކުރުމަށް ވަޓްސްއެޕުން ތައާރަފް ކުރި ފީޗާ އެކެވެ.