ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ އާލިއާ ބަޓް ގެ "ޑާލިންގްސް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

އެ ފިލްމަށް ވަނީ ރާއްޖޭގެ ނެޓްފްލިސްގެ އެއް ވަނަ މަގާމުގައެވެ. ކުޅަދާނަ ބަތަލާ އާލިއާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަށް ތިން ދުވަސް ތެރޭ 10 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. ވިޖޭ ވަރްމާ އަދި ޝެފާލީ ޝާހްގެ މޮޅު އެކްޓިންއެއް ފެނިގެންދާ މި ފިލްމުގެ ޑައިރެކްޓަރަކީ ޖަސްމީތް ކޭ ރީންއެވެ.

ފިލްމާ ދޭތެރޭ އާލިއާ ބުނީ ޑާލިންގްސް އަކީ އޭނާގެ ކެރިއަރުގައި އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި ފިލްމުގެ ސްކްރިޕްޓް ކިޔާލުމާއެކު ރޯލު ކުޅެން ބޭނުންވި ކަމަށެވެ. އަދި އަބަދުވެސް މި ކަހަލަ ތަފާތު ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ބޭނުންވާ ކަމަށް ވެސް އާލިއާ ވަނީ ބުނެފައެވެ. އަދި މި ފިލްމަކީ އާލިއާ ފުރަތަމަ ޕްރޮޑިއުސްކުރި ފިލްމުވެސްމެއެވެ.

ބްލެކް ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ މި ފިލްމުން ފެނިގެންދަނީ މުމްބާއިގައި ދިރިއުޅޭ ދެމައިންނަށް ދިމާވާ ކަންތައްތަކެކެވެ. ފިލްމުގައި އާލިއާގެ މަންމަގެ ރޯލު ކުޅުނީ ޝެފާލީއެވެ. އެޓާނަލް ސަން ޝައިން އާއި ޝާހް ރުކް ހާންގެ ރެޑް ޗިލީ އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރި މި ފިލްމުގައި އަނިޔާވެރި ފިރިހެން މީހާގެ ރޯލުން ފެނިގެންދަނީ ވިޖޭ ވަރްމާއެވެ. މި ފިލްމަށް އަންނަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އާލިއާގެ ޑާލިންގްސް ކްރިޓީކުން ވެސް ބަލައިގެންފައިވާއިރު އެމީހުން ބުނީ މި ފިލްމުގައި އާލިއާ ފެނިގެން ދިޔަ ގޮތް ވަަރަށް ތަފާތު ކަމަށާއި އޭނާގެ އެކްޓިން މޮޅުކަމަށެވެ. އަދި މިއީ ކޮންމެހެން ބަލައިލަން ޖެހޭނެ ފިލްމެއް ކަމަށްވެސް އެމީހުން ބުނެއެވެ.

އެންމެފަހުން ބަތަލާ އާލިއާ ފެނިގެން ދިޔައީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކާތިއާވާދީ" އިންނެވެ. އެ ފިލްމުގައި ވެސް އޭނާ ކުޅެފައިވާ ރޯލަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިރިމީހާ، އެކްޓަރު ރަންބީރު ކަޕޫރު އާއެކު ކުޅޭ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" އިންނެވެ.