ފިތުރު އީދު ދުވަހު މާލޭގެ ދެ ސަރަހައްދެއްގައި ހިންގި މާރާމާރީ އާ ގުޅިގެން ހައްޔަރުކުރި 6 މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތްތައް ފަށައިފިއެވެ.

އެ މައްސަލާގައި ދައުވާކޮށްފައި ވަނީ ލޫތު އަހުމަދު އާސިފް، އަހުމަދު ސާތިއު، މައުސޫމް މުހައްމަދު ދީދީ، އަހުމަދު ޝިމްހާޒު، އަހުމަދު ނާޒިހުގެ އިތުރުން ހަސަން ޒިޔާން އިބްރާހިމްގެ މައްޗަށެވެ.

އެގޮތުން ލޫތު އާއި ސާތިއު އަދި މައުސޫމްގެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައިވާއިރު އެ ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމީހުންގެ މައްޗަށް އަންނާނެއެވެ.

އަހުމަދު ޝިމްހާޒު އާއި އަހުމަދު ނާޒިހުގެ އިތުރުން ހަސަން ޒިޔާން އިބްރާހިމްގެ މައްޗަށް ދައުލަތުން ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލުހުކުމެއް އަންނާނެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އެ މައްސަލާގެ މިއަދު އޮތް އަޑު އެހުން ނިންމާލައިފާވާއިރު ދައުވާއަށް ޖަވާބުދާރީވުމާއި ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާ ގުޅިގެން ކޯޓުން ނިންމާ ގޮތްވެސް ނިންމާނީ ދެން އަންނަ އަޑުއެހުމެއްގައެވެ.

އީދު ދުވަހު މާލޭގައި ހިނގި މާރާމާރީ ތަކުގެ ތެރެއިން އެ ދުވަހުގެ ފަތިހު 05:48 ގައި ހިނގި މާރާމާރީގައި އުމުރުން 23 އަހަރުގެ ޒުވާނަކަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވާއިރު، އެ ދުވަހުގެ ހެނދުނު 09:17 ގައި ހިނގި މާރާމާރީގައި ދެ މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ.