މޯލްޑިވިއަން ސީޕްލޭން ފްލައިޓެއްގެ އެއް އިންޖީން ނިއްވާލި މައްސަލަ ފެންމަތިވެފައި ވާއިރު އެ ބޯޓަކީ ޓްރެއިނިން އަށް ދުއްވި ބޯޓެއްކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

ޓުވިޓާގައި މީހަކު އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގެ ވާއަތްފަޅީގެ އިންޖީނު ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒަރެވެ. އަދި ވީޑިއޯ ހިއްސާކުރި މީހާ ވަނީ އެ ކެޕްޓަންގެ ނަން ހާމަކޮށް ބޯޓު ވައިގެ ތެރޭގައި އޮއްވާ އެއް އިންޖީނު ނިވާލައި ތެޔޮ ވެސް ކަނޑާލި ކަމަށް ބުނެފައެވެ.

މިއަދު އައިއޭއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެކުންފުނިން އަބަދުވެސް އެންމެ ބޮޑަށް އިސްކަންދޭނެ ކަންތައް ކަމަށެވެ. އަދި އައިއޭއެސް އަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެކަން ހިނގާ ދިޔަ ގޮތް އޮޅުން ފިލުވުމަށް "ދަ ޕްރެސް" އިން ސުވާލުކުރުމުން އައިލެންޑް އޭވިއޭޝަނުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތުތަކަކީ އާންމުކުރާ މައުލޫމާތުތައް ނޫން ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން އެ ކުންފުނީގެ ސީޕްލޭނެއްގައި މަސައްކަތް ކުރާ މީހަކު ބުނީ އެ ބޯޓަކީ ޓްރެއިނިންއަށް ދުއްވި ބޯޓެއް ކަމަށާއި ޓްރެއިނިންގައި އެއް އިންޖިން ނިވާލައިގެން ދުއްވަން ޖެހޭ ކަމަށެވެ. އަދި އެ ބޯޓުގައި ތިބޭނީ އެތަނުގެ މީހުން އެކަނި ކަމަށްވެސް އޭނާ ބުނެއެވެ.

އެހެން ބޯޓެއްގެ ޕައިލެޓަކު ބުނީ، ޓެރެއިނިންގައި ބައެއް ފަހަރު 2 އިންޖީނުވެސް ނިއްވާލައި ކަމަށާއި އެކަން ކުރާ ހާލަތުތުތައް ތަފާތު ވާ ކަމަށެވެ. ނަމަވެސް ޕަސެންޖަރުން ގޮވައިގެން ކުރާ ދަތުރެއްގައި އެގޮތަށް އިންޖީނު ނިއްވާނުލޭނެ ކަމަަށްވެސް އޭނާ ބުންޏެވެ.

އޭވިއޭޝަން ދާއިރާއާ ގުޅޭ ބައެއް ވީޑިއޯ ކްލިޕްތައް ދޭތެރެ ދޭތެރެއިން އާންމު ވާއިރު ދާދި ފަހުން ވަނީ، ސީޕްލޭނެއް ޖައްސަން ދިޔަ ވަގުތު ކޮކްޕިޓުގައި އިން ޕައިލެޓް ސިނގިރޭޓް ރޯކޮށްގެން އިން މަންޒަރު ފެންނަ ކްލިޕެއްވެސް އާންމު ވެފައެވެ. މިކަމާ ސުވާލު ކުރުމުން ޕައިލެޓަކު ބުނީ، އެއީ ބައެއް ޕައިލެޓުން ކުރާ ކަމެއް ކަމަށާއި، އެކަން އާންމުކޮށް ކުރަނީ ހުސް ފްލައިޓު ދުއްވާ އިރުކަމަށެވެ.