ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ މިހާރު މި އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީގެ އިންތިހާބީ ޑެޕިއުޓީ ޗެއާޕާސަން އަދި ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބުރޭ މިފަދައިން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި ވާހަކަ ދައްކަމުންނެވެ.
އިބުރޭ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕާޓީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށާއި ކޮންގްރެސްގައި އަސާސީ ގަވައިދަށް ބައެއްް އިސްލާހުތަކެއް ގެނައުމަށް ހަމަޖެހިފައިވާއިރުހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމުގެ ބާރު ކޮންގްރެސްއަށް އޮތް ނަމަވެސް އެ ބާރެއް ގައުމީ މަޖިލީހަކަށް ލިބިފައިނުވާ ކަމަށާއި ކޮންގްރެސްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށް އިބުރޭ ވިދާޅުވިއެވެ.
ޕްރައިމަރީ ބާއްވަން ދުވަސް ކަނޑައަޅާ ޕްރައިމަރީގެ ކަންތައްތައް ހިންގުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް ނެގުމަކީ ގައުމީ މަޖިލީހުގެ ޒިންމާއެއް ކަމަށް އިބުރޭ ފާހަގަކުރެއްވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ބޭއްވުމުގެ ވާހަކަތައް ދެކެވޭއިރު އެމްޑީޕީ ވަނީ ދެ ބައިވެފައެވެ. ނިޒާމުގެ ކޯޅުމާ ހިސާބުން ދެ ފެކްޝަނެއްގެ ގޮތުގައި ބަހުގެ ހަމަލާތައް އަމާޒުކުރަމުން އަންނައިރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރި ހިސާބުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ.