ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 18 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވި އިރު ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18 ފެށުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެފައި ވާއިރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތް ބައެއް މެންބަރުބަރުން ކުރަމުން ގެންދާކަމަށް ހަބަރުލިބެއެވެ.