ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 3 މީހަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި 3 މީހަކަށް ދައުވާކުރުމަށް އެދިފައިވާ ކަން ޕީޖީގެ އޮފިޝަލަކު "ދަ ޕްރެސް" ކަށަވަރު ކޮށްދީފައި ވާއިރު ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއް ރަހްމާން ރަފީއުއެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ވާއިރު ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތުހުމަތުކޮށްފައިވާ ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ވެސް އެ ކުށަށް ޖަލު އަދަބެއް އަންނާނެއެވެ.

އަލަމްގިރިއާއެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯސަލް މީޑިއާގައި ދައުރުވެފައި ވާއިރު އެ މައްސަލާގައި އިތުރުބާރު ހިފޭ މަގާމުތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އެގޮތުން ކަސްޓަމްސްގެ ދެ އޮފިސަރަކާއި ޓީޗަރުންތަކަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި މުދިމެއްގެ އިތުރުން އެމްއެންޑީއެފްގެ މީހެއްވެސް ހިމެނެއެވެ.

މީގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) ކަމަށް ތުހުމަތުކުރެވޭ މީހަކުވެސް ވަނީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ވަޒީފާއިން ވަކިކޮށްފައެވެ.

އެހެންނަމަވެސް މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައި ވަނީ 4 މީހެކެވެ. އެއީ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއް ރަހްމާން ރަފީއު އާއި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމެވެ.

މީގެ ތެރެއިން ނަސީރު ފިޔަވައި ބާކީ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ. އަދި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ނަސީރު ހައްޔަރުކުރި އިރު އޭނާ ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ ހައްޔަރެއް ނުކުރެއެވެ.