މިދިޔަ ޖުލައި މަހު ވަރީގެ 61 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 98 ވަރީގެ މައްސަލައެއް ހުށަހަޅާފައި ވާއިރު ވަރިވުމަށް 29 މައްސަލަ އަދި ވަރި ކުރުމަށް 23 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ވަރި ސާބިތުކުރުމަށް 44 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވަރިއާމެދު ޝައްކުވެގެން ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ވަރިކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 14 މައްސަލަ ނިމުނު އިރު 30 މައްސަލައެއް އަދި ނުނިމެއެވެ. ވަރިވުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 20 މައްސަލަ ނިމުނުއިރު ކުރީ މަހުގެ ބާކީއާއެކު 88 މައްސަލަ އަދި ނުނިމެއެވެ.

ހަމައެހެންމެ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަތކުގެ ތެރެއިން 27 ނިމިފައިވާއިރު މި ބާވަތުގެ 38 މައްސަލަ އަދި ނުނިމޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނާ ކުޅޭ 3 މައްސަލައެއް މިދިޔަ މަހު ނިންމި އިރު އޭގެ ތެރޭގައި ހަޟާނަތުގެ އެއް މައްސަލަ އަދި ކުދިންގެ ހައްގުތައް ރައްކާތެރިކުރމުގެ އަމުރުގެ 1 މައްސަލަ ހިމެނެއެވެ.

ހަރަދުގެ މައްސަލަތަކަށް ބަލާއިރު މިބާވަތުގެ 7 މައްސަލައެއް ވަނީ މިދިޔަ މަހު ނިންމާފައެވެ. އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ 8 މައްސަލައެއް މިދިޔަ މަހު ނިންމާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.