ރާއްޖޭގައި އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ވިދާޅުވީ ގައުމެއްގެ ހާލަތު ރަނގަޅުވަނީ ވެސް ނުވަތަ ނުބައި ނުބައިވަނީ ވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު ކުރަން ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ކަންކަން އިސްލާހުކުރަން އުޅެނީ ކިތައް މީހުންތޯ ސުވާލު ކުރެއްވިއެވެ.
އިމްރާން މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގިރި އާއެކު ދިވެހިންތަކެއް އެއްޖިއްސުން ގުޅުން ހިންގި މައްސަލަ ފެންމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.
މިހާތަނަށް މި މައްސަލައިގައި ގިނަ ވީޑިއޯތަކެއް އާންމުވެފައިވާ އިރު، އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އޭގެ ފަހުން ވަނީ ގުރޫޕް ހަދައިގެން ތިން މީހަކު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ މީހުންކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެކެވެ. ހަމައެއާއެކު މަޖިލީހުގެ ޖޫނިއާ ސްޓާފަކާއި ކަސްޓަމްސްގެ ދެ އޮފިސަރެއް ވެސް ވަނީ އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅިގެން ވަޒީފާއިން އެކަހެރިކޮށްފައެވެ.
އެންމެފަހުން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) އެއްޖިންސުން ގުޅުންހިންގާ ކަމަށް ތުހުމަތު ވާ ވީޑިއޯ ލީކުވެފައި ވާތީ އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ރާއްޕެގެ ވީޑިއޯ ލީކްވެ އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ހަބަރު ފެތުރިފައިވާ އިރު އޭނާ މިހާރު ހުރީ ސްރީލަންކާގައި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އަދި ފުލުހުންނަށް ނޭނގި ރާއްޕެއަށް ސްރީލަންކާއަށް ދެވުނީ ކީއްވެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލަިއގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯތް ހިފަހައްތާފައި ވާ އިރު، އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ. އަދި އަލަމްގިރް ހައްޔަރު ކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.