ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 361 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމުން އާންމުކުރި 2022 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 391 މައްސަލަ އެއް ހުށަހަޅާފައި ވެއެވެ. އަދި ކުރިން ހުރި މައްސަލަތަކާ އެކު 577 މައްސަލައެއް މިހާރުވެސް ބަލަމުން ދާ ކަމަށް ބުނެއެވެ.

މީގެތެރެއިން 35 މައްސަލައެއް އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށާއި ކޯޓު މަރުހަލާގައި 2 މައްސަލައެއް އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކި ގާނޫނުތަކުގެ މައްސަލަތަކަށް ބަލާއިރު އެންޓި-ޓޯޗާ ގާނޫނު 2013ގެ ދަށުން މިއަހަރު ޖުލައި މަހުގެ ނިޔަލަށް 51 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ކުރިން ހުށަހަޅާފައި ވާ މައްސަލަތަކާ އެކު ޖުމްލަ 52 މައްސަލައެއް ބަލަމުން ދާއިރު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި 35 މައްސަލައެއް އަދި ކޯޓު މަރުހަލާގައި 2 މައްސަލައެއް އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް މި މައްސަލަތަކުގެ ތަފްސީލެއް އެޗްއާރުސީއެމަކުން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން އެ ކޮމިޝަންގެ ގާނޫނުގެ ދަށުން މިއަހަރުގެ މިހާތަނަށް ޖުމްލަ 340 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ކުރިން ހުށަހަޅާފައި ހުރި މައްސަލަތަކާ އެކު ޖުމްލަ 525 މައްސަލަ ބަލަމުން ދާއިރު ޖުމްލަ 314 މައްސަލައެއް ނިންމާފައި ވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.