މިދިޔަ މޭ މަހު އާސަންދަ ސްކީމުން އެކި ފަރާތްތަކަށް 225.5 މިލިއަން ރުފިޔާގެ އެހީ ވެފައި ވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ މިދިޔަ މޭ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އާސަންދައިން މިދިޔަ މޭ މަހު އެންމެ ބޮޑު ހަރަދެއް ހިނގައިފާ ވަނީ ހޮސްޕިޓަލް ތަކަށެވެ. އެގޮތުން ހޮސްޕިޓަލްތަކަށް 122.5 މިލިން ރުފިޔާ ހަރަދުކޮށްފައި ވާއިރު ކްލިނިކްތަކަށް 11.6 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ބޭސްފިހާރަތަކާއި ލޮލުގެ ފަރުވާ ހޯދުމަށް ދާ އޮޕްޓިކަލްތަކަށް ވެސް އާސަންދައިން ގިނަ ހަރަދުތަކެއް ހިނގާއިރު މިދިޔަ މޭ މަހުގެ ތެރޭގައި ބޭސްފިހާރަތަކަށް 79.5 މިލިއަން ރުފިޔާ ހަރަދުވެފައި ވާ ކަމަށް އާސަންދައިން ބުނެއެވެ. އަދި އެ މަހު އޮޕްޓިކަލްތަކަށް 2.9 މިލިއަން ރުފިޔާ އާސަންދައިން ވަނީ ހަރަދު ކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް އާސަންދައިން ދޭ ދެކޮޅު ޓިކެޓަށް މިދިޔަ މޭ މަހު ޖުމްލަ 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު ބަލި މީހުންނަށް ބޭސްފަރުވާ ހޯދައިދިނުމަށް ފަރުވާލިބޭ ފަދަ ތަނަކަށް ގެންދިއުމަށް 1.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހުސްނުވާ އާސަންދަ ސްކީމަކީ ކޮންމެ ދިވެހި އައިޑީ ކާޑަކަށް 100،000 ރުފިޔާގެ މަގުން ކަނޑައަޅާފައި އޮންނަ ސްކީމެކެވެ. މި ސްކީމުން ގިނަ ބަޔަކު އެހީ ހޯދާ އިރު، އަތޮޅުތެރޭގެ ގިނަ ބޭސްފިހާރަތަކުގައި ބޭސް ނުހުންނަ ކަމުގެ ޝަކުވާ ބޮޑެވެ. އަދި އަގު ބޮޑެތި ގިނަ ބޭސްތަކަކީވެސް މި ސްކީމުން އެއްކޮށް ކަވަރުކުރާ ބޭހަށް ނުވުމާއި، އާސަންދަ ކަވަރު ކުރާ ބޭސް ފިހާރަތަކުގައި އެފަދަ ބޭސް ލިބެން ނުހުންނަ ކަމުގެ ޝަކުވާވެސް ބޮޑެވެ.