އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިތަކާއި ރައްޔިތުން ގުޅުވާލަދިނުމުގައި ކާމިޔާބު 3 އަހަރު ފުރުން މިއަދު ފާހަގަ ކޮށްފިއެވެ.

މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.

އުރީދޫން ބުނީ، މިއަދު އުރީދޫ ކަސްޓަމަރުންގެ ހިދުމަތުގައި މޫލީގެ ކާމިޔާބު 3 އަހަރު ފާހަގަ ކުރުމުން ދާއިރު، 20000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ފޯރުކޮށް ދީފައި ކަމަށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50 އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ވިޔަފާރި ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިދޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވެސް ހިމެނެއެވެ.

މި ހާއްސަ ލަނޑުދަނޑި ފާހަގަ ކުރަމުން މޫލީ ޕްލެޓްފޯމުން ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާޓްނަރުންނަށް މޫލީ ޓީމުން ވަނީ ފަށްފަށުން ޝުކުރު އަދާ ކޮށްފައި ކަމަށް އުރީދޫން ބުނެއެވެ. ހަމައެއާއެކު އޮގަސްޓް މަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާ ކަމަށް މޫލީން ބުނެއެވެ.

މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއި އެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީން ވަނީ ކޮވިޑް ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ފޯރުކޮށް ދިނުމުގައި ނަމޫނާ މިސާލެއް ދައްކާފައި ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން ކޯނާ ޝޮޕްތަކާއި ސުޕަމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީން ވަނީ ފާޓްނާ ވެފައެވެ. މި އިސްނެގުމާއެކު ފުރުސަތުތައް ފަހިވެ ފައިދާ ވެގެން ދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަންޏެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގައި އާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކޮށްދީފައި ވެއެވެ.

މީގެ އިތުރުން މޫލީ އިން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ހަމަ އެފަދައިން މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނާވެ، "ބެކް ޓު ސްކޫލް" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބުކްލިސްޓް ކްލެއިމްކޮށް މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ފަހިކޮށް ދީފައެވެ.

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މޫލީން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ހާއްސަ ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަ ކަމާއެކު ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށް ދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އިތުރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީއާ ގުޅެމުންދާ އިރު، މި ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށް ދިނުމަށް ތައްޔާރަށް މޫލީން ތިބި ކަމުގެ ޔަގީޏް ކަން ދީފައިވާ ކަމަށް އުރީދޫން ބުނެއެވެ.