އައްޑޫ ސިޓީ ހިތަދޫއިން އަނެއްކާ ވެސް ސީލްއެއް ފެނިއްޖެއެވެ.

މި ސީލް ފެނިފައި ވަނީ އައްޑޫ ހިތަދޫ އަވަށު ފުއްޓަރު ފަރާތުންނެވެ.

މި ފަހަރު ފެނުނު ސީލްގެ ދިގުމިނުގައި ވެސް އަށް ފޫޓު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް އައްޑޫއިން ވަނީ ސީލްއެއް ފެނިފައެވެ.

މި ސީލް ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑާ ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުންނެވެ.

އެކަމާ ގުޅިގެން އީޕީއޭއިން ކުރި ޓްވިޓެއްގައި ވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ.