ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި މި ވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތް ފަށަފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ފެލިވަރުގެ 6 ހެކްޓަރުގެ ބިން ހިއްކުމާއި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫގެ އަގަކީ 113.39 މިލިއަން ރުފިޔާއެވެ. އަދި އެ މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.