އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ސަސްޕެންޑު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑު ކޮށްފައި ވަނީ އެ އިދާރާގެ ޖޫނިއާ މުވައްޒަފެއް ކަމަށެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. މަޖިލީހުން ސަސްޕެންޑް ކުރީ އެއްޖިންސުން ގުޅުން ހިންގުމުގެ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވެސް ސާފެއް ނޫނެވެ.
އެއްޖިންސުން ގުޅުން ހިންގާ މައްސަލަތަކެއް ރާއްޖޭގައި ފެންމަތިވެފައި ވާއިރު، ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގިރި އާ އެކު ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ދަނީ ދައުރުވަމުންނެވެ. އެ މައްސަލަތަކުގައި ޓީޗަރުންތަކަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
އެފަދަ މައްސަލަތަކާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، ބަންދުކޮށްފައި ވެއެވެ. އެ ހަތަރު މީހުންނަކީ:
- ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރު
- ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)
- ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު
- ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް
މީގެ ތެރެއިން ނަސީރު ފިޔަވައި ބާކީ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ. އަދި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ނަސީރު ހައްޔަރު ކުރި އިރު އޭނާ ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ ހައްޔަރެއް ނުކުރެއެވެ.