ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތް ޑިޕާޓްމަންޓްގެ ޗެއާ މުހައްމަދު އިސްމާއިލް ދޫކޮށްލައިފިއެވެ.

ޕީޕީއެމް އިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ އެކު މުހައްމަދު އިސްމާއީލްގެ އިތުރުން އެދުވަހު ޕީޕީއެމްގެ ސެނެޓާ މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރިއެވެ. މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ވިދާޅުވެފައެވެ. އަދި މުހައްމަދު އިސްމާއީލް އެދުވަހުގެ ހަރަކާތުގައި އޭނާ ގަލޮޅު ދަނޑަށް ވަދެވަޑައިގެންފައި ވެސް ނުވާ ކަމަށާއި އަދި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން މީގެ ކުރިން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

މުހައްމަދު އިސްމާއީލް ހައްޔަރުކޮށް އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރުކޮށްފައި ވާ އިރު، އެ މައްސަލަ އިސްތިއުނާފް ކުރަން މުހައްމަދު އިސްމާއީލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް އޭރު ވަނީ ނިންމާފައެވެ.