ދޮޅު މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު، 8364 ޓީޗަރުންނާއި 92300 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާނެއެވެ.

ތައުލީމީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުން މިހާރު އަންނަނީ އެ ތަންތަނުގައި ކުލަ ލުމާއި ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ވަރަށް ފޯރިއާ އެކު ކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކާއި ޕަރިވެޓް ސްކޫލަތްކާއެކު މި އަހަރު ކިޔަވާނީ 92300 ދަރިވަރުންނެވެ. ޖުމްލަ 217 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭ އިރު، ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ހުރިހާ ޓިޗަރުން ހަމަވެފައިވާ ކަމަށާއި އަދި ކުދިންނަށް ދޭ ފޮތްތައް ވެސް ސްކޫލްތަކާ ހަވާލުކޮށް ނިމިފައި ވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖުމްލަ 8364 ޓީޗަރުން މިއަހަރު ކިޔަވައި ދިނުމަށް ތައްޔާރުވެގެން ތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބިދޭސީ 1693 ޓީޗަރުންނާއި ދިވެހި 6006 ޓީޗަރުންނާއި އަދި ރިލީފް ޓީޗަރުންގެ ގޮތުގައި 665 ޓީޗަރުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ އިރު އެންމެ ބާރު ބޮޑުވާނެ އެއް ސަރަަހައްދަކީ ހުޅުމާލެ ދެވަނަ ފިޔަވައްސެވެ. އެއީ އަލަށް މީހުން އާބާދުވެ ދިރިއުޅެން ފަށަފައިވާ ވުމާއި، އެތައް ދަރިވަރުންނެއް އެ ސަރަހއްދުގައި ދިރިއުޅެމުން އަންނާތީއެވެ. ނަމަވެސް އެ ސަރަހައްދުގައި އަޅަން ފަށަފައިވާ ސްކޫލް އަދި ނުނިމޭތީ އެ ސަރަހައްދުން ސްކޫލްތަކަށް ކިޔަވަން ދާ ދަރިވަރުންނާއި ބެލެނިވެރިންނަށް އޮތް ތަކްލީފް ކުޑަ ދުވަސްކޮޅަކަށް އުފުލަން ޖެހޭނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އަންނަނީ ކާމިލް ދީދީ ޕަރައިމަރީ ސްކޫލްގެ ނަމުގައި ސްކޫލެއް އަޅަމުންނެވެ. މިހާރު އެ ސްކޫލްގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ނިމުމާ ގާތަށް ވަނީ ގޮސްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި އެ ސްކޫލްގެ އިމާރާތް ނިމި އަންނަ ސެޕްޓެމްބަރު މަހު ތެރޭ އެ ސްކޫލުން ޖާގަ ލިބިފައިވަ ދަރިވަރުންނަށް ކިޔަވަން ދެވޭނެއެވެ. ނަމަވެސް ކުރިއަށް މިއޮތް އެއް މަސް ދުވަހު އެ ދަރިވަރުން ކިޔަވަން ދާން ޖެހޭނީ ހުޅުމާލޭގައި ހުރި ތިން ސްކޫލަށެވެ.