ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނާ ސްޓެލްކޯގެ މުއައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތް ކުރަން ފެށި ފްލެޓްތައް ނިންމައި، އެ ފްލެޓްތަކުގެ ތަޅުދަނޑި ފްލެޓް ލިބުނު މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.
މިއީ ފެބްރުއަރީ 2018 ގައި ބިންގާ އަޅައި މަސައްކަތް ފެށި ޕްރޮޖެކްޓެކެވެ. 2 ޓަވަރުގެ މި ހައުސިން ޕްރޮޖެކްޓް ނިންމާލި އިރު ސްޓެލްކޯގެ 360 މުއައްޒަފަކަށް ވަނީ ފްލެޓް ލިބިފައެވެ.
ސްޓްެލްކޯގެ މުއައްްޒަފުންނަށް ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، މި މަޝްރޫއު ނިންމާލެވުނީ އެކުވެރި ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައި ކަމަށާއި އެހެން ކަމުން އެޗްޑީސީއަށާއި އެމްޑަބްލިއުއެސްސީއަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ. ސްޓެލްކޯއިން އެޅި ދެ ތަވަރަށް ނަން ކިޔުމުގެ ބާރު ސްޓެލްކޯގެ ބޯޑުން ވަނީ އޭނާއަށް ދޫކޮށްލާފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ގޮތުން އެ ޓަވަރުތަކަށް ދޭނެ ނަމަކީ "ބްލޫ ރިޗް- 1" އަދި "ބްލޫ ރިޗް- 2" ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށާއި ކާމިޔާބު ކަމާއެކު ޕްރޮޖެކްޓް ނިންމާލުމަށް މީގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުން، އެމްޑީ އަހްމަދު ޒުހޫރާއި އެމްޑީ ހަސަން މުޣުނީއަށް ހާއްސަ ޝުކުރެއް ޝަރީފް ވަނީ އަދާކުރައްވާފައެވެ.
މި ޕްރޮޖެކްޓަށް ހަރަދުކޮށްފައި ވަނީ ޖުމްލަ 692 މިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފްލެޓްތަކުގެ އަގުގެ ގޮތުގައި މުއައްޒަފުންގެ އަތުން ނަގާނެ މިންވަރަކީ 623 މިލިއަން ރުފިޔާ ކަމަށާއި އަދި ބާކީ 69 މިލިއަން ހަމަކުރަން އޮތް ފައިސާ އަކީ އެ ކުންފުނިން ތަހައްމަލު ކުރާނެ އަދަދެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މުވައްޒަފުންގެ އަތުން ނަގަން ނިންމާފައިވާ 623 މިލިއަން ރުފިޔާގެ ތެރެއިން 20 ޕަސެންޓްގެ ގޮތުގައި މިހާތަނަށް ނަގާފައި ވަނީ 114 މިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މުއައްޒަފުންގެ އަތުން ދެން ނަގަން ޖެހެނީ 509 މިލިއަން ރުފިޔާއެވެ.
ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައި ވެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ. މި ފްލެޓްތަކަށް މެއިންޓެނަންސް ފީގެ ގޮތުގައި 1 ރޫމް އެޕާޓްމަންޓުން 1000 ރުުފިޔާ އަދި 2+1 އެޕާޓްމަންޓަކުން 1300 ރުފިޔާ ދައްކަން ޖެހެއެވެ.