ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލައިފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން، އަދި ގާނޫނުން ޕީޖީ އާ މަތިކޮށްފައިވާ ޒިންމާތަކާ ގުޅިގެން، ނުވަތަ ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން ސީދާ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ނަމަ، މިއަދުން ފެށިގެން އީމެއިލް ކުރެވޭނެ ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި، ފޮނުވާ މެއިލްތަކުގެ ތެރެއިން ސީދާ ޕީޖީ ޝަމީމްގެ ޖަވާބެއް ނުވަތަ ރައުޔެއް ބޭނުން ނަމަ، އެ މެއިލަށް ޖަވާބު ދެއްވާނީ ޝަމީމެވެ.

ނަމަވެސް، އީމެއިލަށް ސީދާ ޖަވާބު ނުދެއްވިޔަސް، ޕީޖީ އޮފީހުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭ ކަންކަމަށް ޝަމީމް ބައްލަވާނެ ކަމަށް ވެސް މީޑިއާ އަށް ދިން މައުލޫމާތުގައި ބުންޏެވެ.

"މިއީ މި އޮފީހުގެ މަސައްކަތްތަކާއި، ޖިނާއީ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާންމުންގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން އިތުރުކުރުމަށް ޕީޖީ ނެންގެވި އިސްނެންގެވުމެއް." ޕީޖީ އޮފީހުން ބުންޏެވެ.