ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އުމުރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިމަހު 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން އުމުރާއަށް ގެންދިއުމާ ބެހޭގޮތުން ފެބްރުއަރީ 9، 2022 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމުރާއަށް މީހުން ގެންދައުމާބެހޭ އުސޫލު"ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 9، 2022 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 16، 2022 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށް މިނިސްޓްރީން ބުނެއެވެ.