ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ރ. އަލިފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހް ކޮށްދެއްވީ އަލިފުށީ ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. މި ރަސްމިއްޔާތުގައި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރ. އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އަލިފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.

އަލިފުށީ އެއާޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުން ހިމެނެއެވެ. ހަމައެއާއެކު ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަށް 451.6 މިލިއަން ރުފިޔާ ހަރަދުވެއެވެ. 750 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.