ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފިއެވެ.
ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ ހެނދުނު 9:30 އަށެވެ.
މިދިޔަ މަހު 30ގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އެ ދުވަހު ހެކިބަސް ދިން ފަރާތަށް އެ މުއާމަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ކޯޓުގައި އޮތީ ބުނެފައެވެ.
ޝަރީއަތުގެ މަޖިލީހަށް އެދުވަހު ހާޒިރުވެ ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދީފައި ވަނީ ޓޫރިޒަމް މިނިސްޓްރީގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގިއިރު އޭނާ ހުރީ ޗުއްޓީގައި ކަމަށެވެ.
އެ ހެކިވެރިޔާ ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުތަކާއި ރަށްތައް ދޫކުރި ގޮތުގެ ބައެއް ތަފުސީލުތައް ހާމަކޮށްފައެވެ. އެގޮތުން ރަށެއް ނުވަތަ ފަޅެއް ދޫކުރާނަމަ ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވައިގެން އެ ރަށެއް ނުވަތަ ފަޅެއް ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ދަފުތަރަށް ބަދަލުކުރުމަށް އެދޭކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ޔާމީންގެ ދިފާއުން ވަނީ އާރަށުގެ މުއާމަލާތާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވިކަން އެނގޭތޯ އާއި އާރަށް ކުއްޔަށް ދިނުމަށް ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ލިޔުމެއް ހެކިވެރިޔާއަށް ފެނުނުތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ތަކުރާރުކޮށް ބުނީ އޭރު އޭނާ ހުރީ ޗުއްޓީގައި ކަމަށް ވާތީ އެއްވެސް ލިޔުމެއް ނުފެންނަ ކަމަށާއި ޗުއްޓީ ނިންމުމަށް ފަހު ރާއްޖެ އައިފަހުން އެފަދަ އެއްވެސް ލިޔުމެއް އޭނާއަށް ފެނިފައި ނުވާކަމަށެވެ.
މި ދިޔަ މަހުގެ 16 އަދި 19 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދެ ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނަގާފައެވެ. އެގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ވަނީ ނަގާފައެވެ.
އެ ތަހުލީލުތައް ކުރިއިރު އެ ނަންބަރުގެ ކޯލް އެލާޓާއި މެސެޖު އަދި ވައިބާ ޗެޓު ލޮގް ފެނިފައިވާ ކަމަށާއި އެ މުއާމަލާތްތަކުގައި ނުވަތަ މެސެޖުތަކުގައި ދައްކާފައިވާ ވާހަކަތަކުގެ ތަފްސީލު ނޭނގޭ ކަމަށް އޮފިސަރު އަބްދުﷲ ޝިފާޒް ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީނުގެ ދިފާއީ ވަކީލުން ވަނީ އެ ޕެންޑްރައިވުގައި ހުރި އެއްވެސް ޑާޓާއަކުން ރައީސް ޔާމީނު މި މައްސަލާގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ހޯއްދެވުމަށް އެއްވެސް ކަމެއް ކުރެއްވިކަމުގެ ހެކި ލިބޭތޯ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ޝިފާޒް ބުނެފައި ވަނީ އެއްކުރެވިފައިވާ އެއްވެސް ޑާޓާއަކުން އެފަދަ ހެއްކެއް ހޯދިފައިނުވާ ކަމަށެވެެ.
މި މައްސަލައިގައި ދެން ދައުވާ އުފުލާފައި ވަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށެވެ. ވ. އާރަށުގެ މުއާމަލާތާ ގުޅިގެނަ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
އާރަށަކީ، ނައީމް މެދުވެރިގެން މުއާމަލާތް ކުރި ރަށެކެވެ.