އައްޑޫ ސިޓީ ހިތަދޫ ފަޅުތެރެއިން ސީލްއެއް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސީލް ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑާ ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުންނެވެ.

ދިގު މިނުގައި ގާތްގަނޑަކަށް 8 ފޫޓު ހުރި މި ސީލް ފެނުމާގުޅިގެން ގިނަ އަދަދެއްގެ އާންމުން ވަނީ އެސަރަހައްދަށް ގޮސްފައެވެ. އަދި ސިފައިންގެ އިތުރުން ފުލުހުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފް އިން އަންނަނީ ސީލް އެސަރަހައްދުން ބޭރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅިގެން އެމްއެންޑީއެފް އަދި ފުލުހުންގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

ސީލްއަކީ އާންމުކޮށް ފިނި ސަރަހައްދުތަކުގެ ކަނޑުތަކުން ފެންނަ އެއްޗެކެވެ.