ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީީގެ ލީޑަރު މުހައްމަދު ނާޒިމަކީ މަރުދުވަހާ ހަމައަށް ވެސް ޣައްދާރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ކަމަށް ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ޝައިހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިޔާމަތް ހޯދާފައި ކަމަށެވެ. އަދި ނާޒިމާއި ގާސިމް، ހުރިހާ ކަމަކުން ދުރުވެވަޑައިގެން ތިއްބެވި ކަމަށް ދައްކަވަމުން ގެންދަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން އިތުރަށް ވިދާޅުވީ އެ ބޭފުޅުންނަކީ ވެސް މަރު ދުވަހާ ހަމައަށް ޣައްދާރުން ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމާ ގުޅިގެން، އެމަނިކުފާނު ވަނީ ކޯފާ އިސްކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯ ސުވާލު ކުރައްވާފައެވެ.
އަދި އަންހެން ކުއްޖަކާ އެކު ރައީސް ޖިންސީ ގުޅުން ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ނަޝީދު ވަނީ ސުވާލުކުރައްވައެވެ.
ނަޝީދުގެ ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެފަދަ އަމަލެއް ހިންގަވާފައި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.