ކޮޅުވެއްޓިއެއް ކޮންޓްރޯލްނުވެ، ރ. ހުޅުދުއްފާރު ބަނދަރު މަތީގައި ހަދާފައިވާ ޕެޓްރޯލް ޝެޑުގައި ޖެހި އެތަން ބިމާ ހަމަވެއްޖެއެވެ.

ދަ ހޯކްސް އިން ހުޅުދުއްފާރު ބަނދަރުގައި އިމާރާތްކޮށް މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ހިދުމަތްދޭން ފެށި ޕެޓްރޯލް ޝެޑް ބިމާ ހަމަވެފައިވާ ހާދިސާ ހިންގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ޝެޑުގައި މަސައްކަތްކުރާ ފާރިޝް މުބާރިކް "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:56 ހާއިރު ކަމަށާއި ކޮޅުވެއްޓި ނެރުން ވަދެގެން އައިސް ފަހަތަށް ޖަހަމުން ދަނިކޮށް އޭގެ ރޭމްޕް އައިސް ޖެހުނީ ޕެޓްރޯލް ޝެޑުގައި ކަމަށެވެ.

ފާރިޝް ބުނީ އެ ޝެޑުން ހިދުމަތް ދޭން ފެށިތާ އެއް މަހާއި 15 ދުވަސް ވެފައިވާ ކަމަށާއި އެ ހާދިސާ މިހާރު ފުލުހަށާއި ކުންފުނީގެ ހެޑް އޮފީހަށް އަންގާފައިވާނެ ކަމަށެވެ.

ހުޅުދުއްފާރު ބަނދަރު ކައިރީގައި ހަދާފައިވާ ޕެޓްރޯލް ޝެޑު ބިމާ ހަމަވެފަ/ ފޮޓޯ: ހުޅުދުއްފާރު

އެކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް ވިދާޅުވީ އެ ރަށުގެ މަގު ހެދަމުންދާއިރު ބައެއް ރުއްތައް ނަގަން ޖެހޭ ކަމަށާއި އެ ކޮޅުވެއްޓިއަކީ އެކްސްކަވޭޓާ ހިފައިގެން އެ ރަށަށް އައި އެއްޗެއް ކަމަށެވެ.

" ލޭންޑް ކްރާޕްޓް ގާތްކުރަން އުޅުމުގެ ތެރޭގައި އޭގަ އިންނަ ރޭމްޕުން ޖެހިގެން އެކަން ހިނގީ، އެ މީހުން ވަތްއިރު އިނީ ރޭންޕު ވައްޓާލާފަ އުސޫލެއްގެ ގޮތުން ރޭމްޕު އިންނަން ޖެހޭނީ ނަގާފަ ފަޅުން ވަދެ ނިކުމެ ހަދާއިރު"
ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް

ލިއޯ ކުންފުނީގެ ކޮޅުވެއްޓި އެ ރަށަށް ދިޔަ ވަގުތަކީ މޫސުން ގޯސް އަދި ވައިވެސް ބާރު ވަގުތެއް ކަމަށާއި ހަތަރު ތަނބާއެކު ޝެޑް ވަނީ ބިމާ ހަމަވެފައި ކަމަށް އާތިފް ވިދާޅުވިއެވެ.

އެ ޝެޑަކީ އެ ރަށު ބަނދަރުގެ ވާޓަރު ކައިރީ ހަދާފައި ހުރި ދިގު މިނުގާ އަދި ފުޅާ މިނުގައި 10 ފޫޓު ހުރި ޝެޑެކެވެ.