އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ދިހަ ދުވަހަށް ބަންދުކޮށްފިއެވެ.
28 އަހަރުގެ ނަސީރު ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ނަސީރު އިއްޔެ ހައްޔަރު ކުރިއިރު، އޭނާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ލީކުވެފައި ވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވި ދުވަސްކޮޅުގައެވެ. ނަމަވެސް ނަސީރުގެ ވީޑިއޯއިން ފެންނަނީ އަލަމްގިރި އެއް ނޫނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ނަސީރުގެ ބަންދަށް ކްރިމިނަލް ކޯޓުން ދިހަ ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިއްޔެ ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކޮށްފައެވެ.
ނާޒިމްގެ ބަންދަށް އިއްޔެ ހަތް ދުވަސް ޖަހާފައި ވާއިރު، ކާނަލް ނަޝީދާއި އަބްދުއްރަހްމާން ރަފީއަށް ޖަހާފައި ވަނީ 15 ދުވަހުގެ ބަންދެކެވެ.