ސިއްހީ އެކި ބޭނުންތަކަށްޓަކާ އެތެރެ ހަށީގެ ގުނަވަންތަކުގެ އެންމެ ފުނަށް ފީނުމުގެ ގާބިލުކަން ލިބިފައި ވާ އިންގިލާބީ މައިކްރޯ-ޕެޗެއް އީޖާދު ކޮށްފިއެވެ.

އަލްޓްރާސައުންޑަކީ އެތެރެ ހަށީގެ ގުނަވަންތަކުގެ ހާލަތު ދެނެގަތުމަށާއި، ކެންސަރާއި ބެކްޓީރިއާ ފަދަ ފުރާނައަށް ނުރައްކާތަކާ ކުރިމަތިވެފައި ވޭތޯ ބެލުމަށް ޑޮކްޓަރުންނަށް މުހިންމު އާލާތަކެވެ. އަލްޓްރާސައުންޑަކީ ހަށިގަނޑުގެ އެތެރޭގައިވާ ޓިޝޫތަކާއި ދިޔާމާއްދާތަކުގައި އަޑުގެ ބާނިތައް ޖެހޭ ނުޖެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭ އާލާތެކެވެ.

ކަންމިހެން އޮތް ނަމަވެސް އަލްޓްރާސައުންޑް މެޝިންތަކަކީ ފަސޭހަ ކަމާއެކު އެއްތަނުން އަނެއް ތަނަށް އުފުލާ ހެދޭ މެޝިންތަކެއް ނޫނެވެ. ހަށިގަނޑުގައި އަޅާލެވޭ ގޮތަށް ފަރުމާކޮށްފައި ހުރި ޑިވައިސްތަކަކީ އެންމެ ފުރިހަމައަށް ތަފްސީލުތަކަށް ވާސިލު ވެވޭ ވަރުގެ ޑިވައިސްތަކެއް ނޫނެވެ. ވަރަށް ކުޑަ ވަގުތު ކޮޅަކު ބޭނުން ކުރެވޭ ޑިވައިސްތަކެކެވެ.

ނަމަވެސް، އަލަށް އީޖާދު ކުރި އިންގިލާބީ މައިކްރޯ-ޕެޗްއަކީ މި ހުރިހާ ކަމަކަށް ހައްލު ހޯދާދިން ޕެޗްއެކެވެ. ޕޯސްޓް ސްޓޭމްޕެއްގެ މިނަށް އުފައްދާފައިވާ މި ޕެޗްއަކީ 48 ގަޑިއިރު ވަންދެން ބޭނުން ކުރެވޭ ޕެޗްއެކެވެ. އަދި އަޅައިގެން ހުންނަ މީހާ ކިތަންމެ ހަރަކާތްތެރިކޮށް އުޅުނު ކަމުގައި ވީ ނަމަވެސް ޕެޗް މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މައިކްރޯ އަލްޓްރާސައުންޑް ސްކޭން ޕެޗް އީޖާދު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އެމްއައިޓީގެ މެކޭނިކަލް އިންޖިނޭރު ޝުއާންހީ ޝާއޯ ވިދާޅުވީ، މިއީ އަދި ފެށުމެއް ކަމަށެވެ. އޭނާގެ ޓީމުން މިހާރު ރާވަމުން ދަނީ ވަޔަލަސް ޕެޗެއް އުފެއްދުމަށް ކަމަށާ، އަދި އެ ޕެޗަކީ ފޯނުންވެސް ކުޅެލެވޭ އެއްޗަކަށް ހެދުމަކީ އަމާޒެއް ކަމަށްވެސް ޝާއޯ ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރިއަށް އޮތް މަދު އަހަރު ކޮޅެއްގެ ތެރޭގައި ވަޔަލަސް ޕެޗް އީޖާދު ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށްވެސް ޝާއޯ ވަނީ ވިދާޅުވެފައެވެ.

މިވަގުތު އޮތް މައިކްރޯ އަލްޓްރާސައުންޑް ސްކޭން ޕެޗްއަކީ ވަޔަލަސް ޕެޗަކަށް ނުވި ކަމުގައި ވީ ނަމަވެސް، ހޮސްޕިޓަލުތަކަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.