އިންޑިއާގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާއަށް ވަޑައިގެންފައި ވަނީ މި މަހުގެ 27 ގައެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ ޖުލައި 27 އިން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ޝަމާލް ކުރައްވާ މި ދަތުރުގައި މިއަދު އިންޑިއާގެ ނޭޝަނަލް ވޯ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި ޝަހީދުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެ މެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ނޭޝަނަލް ވޯ މެމޯރިއަލްއަށް ޗީފް އޮފް ޑިފެންސް ފޯސް ޒިޔާރަތްކުރެއްވުމުން ޝަރަފުގައި އިންޑިއާ ސިފައިން ގާޑް އޮފް އޮނާއެއް އެރުވި ކަމަށްވެސް ވަނީ ބުނެފައެވެ.

ޝަމާލް ވަނީ މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒާ އަޖިތު ޑޮވާލްއާއި ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް ހަރީ ކުމާރު އަދި ޗީފް އޮފް އެއާ ސްޓާފް، އެއާ ޗީފް މާޝަލް ވީއާރް ޗައުދަރީއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުންތަކުގައި ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދި އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝަމާލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަގުގައި ވެސް ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާއި ގުޅޭ ގޮތުންވެސް ޝަމާލް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާއިރު އެ ދަތުރު ތެރެއިން ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯ އަށް ވެސް މިއަދު ޒިޔާރަތް ކުރެއްވިއެވެ.