އިލެކްޝަންސް ކޮމިޝަންގައި މިހާރު އޮތް މައިގަނޑު ކަންބޮޑުވުމަކީ ބައި-އިލެކްޝަންތައް ބާއްވަން ޖެހި، އެކަމުގެ ސަބަބުން ކޮމިޝަނުން ކުރާ ހަރަދުތައް ބޮޑުވެގެން ދިއުމެވެ. ކޮންމެ އިންތިހާބަކަށް (ބައި-އިލެކްޝަނަކަށް) ލައްކައިން ހަރަދު ކުރާއިރު، އިންތިހާބުތަކަށް ލިބޭ ތަރުހީބު ކުޑަވުމަކީ ވެސް އެ ކޮމިޝަންގެ ކަންބޮޑުވުމެކެވެ.

އައްޑޫ ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދެއްވުމުން އެ ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރުމަށްޓަކައި ދާދިފަހުން ބޭއްވި ބައި-އިލެކްޝަނަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ކޮންމެ ބައި-އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުމަކީ ބޮޑު އިސްރާފެއްކަން ފާހަގަކުރައްވައި، އެ ކަމަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

ކޮންމެ ބައި-އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނައިން ހަރަދުވާއިރު، އެންމެ ބޮޑު ހަރަދެއް ދަނީ އިންތިހާބުތަކުގައި ބޭނުން ކުރާ ވޯޓު ކަރުދާސްތައް ޗާޕުކުރުމަށެވެ. ސެކިއުރިޓީ ފީޗާތަކާ އެކު ޗާޕްކުރާ ކަރުދާސްތަކަށް ބޮޑު ހަރަދެއް ހިނގާއިރު، ވޯޓުލާ މަރުކަޒުތައް އިންތިޒާމް ކުރުމަށާއި، އިންތިހާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުމަށާއި، އެ އޮފިޝަލުންނަށް އުޖޫރަ ދިނުމަކީ ވެސް އެ ކޮމިޝަނުން ކުރާ ހަރަދުތަކެވެ.

އެހެންކަމުން ކޮންމެ އިންތިހާބަކަށް ކުރަންޖެހޭ ހަރަދުތައް އިތުރުވުމުގެ ކަންބޮޑުވުންތަކަށް އޮތް ހައްލަކީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ހެއްޔެވެ؟ އަދި ރާއްޖެއާ އީވޯޓިން ގުޅޭ ހެއްޔެވެ؟

ރާއްޖޭގައި މިހާރު ވޯޓުގެ ކަންކަން ބަލަހައްޓަނީ ކިހިނެއް؟

ރާއްޖޭގައި ވޯޓުލުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ "ބެލޮޓް ބޮކްސް،" ނުވަތަ ކަރުދާސް ވޯޓުގެ ސިސްޓަމާ އެއްގޮތަށެވެ. އެގޮތުން އިންތިހާބުތަކާ ދިމާކޮށް ކަރުދާސްތައް ޗާޕުކުރާއިރު، އެ ކަރުދާސްތަކުގައި ސެކިއުރިޓީ ފީޗާސް ހިމަނާފައި ހުރެއެވެ. އަދި ފާހަގަ ޖެހުމަށް ފަހު އެ ކަރުދާސްތައް އެޅުމަށްޓަކައި އެތެރެ ފެންނަ ފޮށްޓެއް ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރެއެވެ. އެގޮތަށް ވަކި ވަގުތެއް ވަންދެން ވޯޓުލުން ކުރިއަށް ގެންދެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ މެންބަރަކު ވޯޓު ލަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

ވޯޓުލައި ނިމުމުން ފޮށިތައް ބަންދުކޮށް، ވޯޓުލާ މަރުކަޒުތަކަށް ގެންގޮސް، ވޯޓު ގުނުމުގެ މަސައްކަތް ފަށައެވެ. އެއަށްފަހު އޮންނަނީ ނަތީޖާ އިއުލާނު ކުުރުމެވެ. އިންތިހާބުތަކުގެ ނަތީޖާ އިއުލާނު ކުރުމަށްޓަކައި ދެ ދުވަސް ނުވަތަ ތިން ދުވަސް ނަގައެވެ. ހަފްތާއެއް ނުވަތަ ދޮޅު ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާނު ކުރެއެވެ. އެ މުއްދަތުގެ ތެރޭގައި ވޯޓުގައި މައްސަލަ ހުރިތޯ ނުވަތަ ނެތްތޯ ވެސް ބަލައެވެ. ނަމަވެސް މިއީ ވަރަށް ވަގުތު ވެސް ދާ ކަމެކެވެ.

މި ސިސްޓަމަށް ބަލައިލިކަމުގައި ވިޔަސް، ކަރުދާސްތައް ޗާޕުކުރުމަށާއި، ސެކިއުރިޓީ ފީޗާ ހިމެނުމަށް، އަދި އިންތިހާބުތަކުގެ ކަންކަން ބަލަހައްޓާ އޮފިޝަލުންނަށް އެތައް ހަރަދެއް ދެއެވެ.

އީވޯޓިން ސިސްޓަމް ތައާރަފް ކުރުމުން ވޯޓުލުން މުޅިންހެން ބަދަލުވެގެން ދާނެ

"ބެލޮޓް ބޮކްސް" ނުވަތަ ކަރުދާސް ވޯޓާ ހިލާފަށް އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީވޯޓިން ނިޒާމަކީ، ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ވޯޓުލައި، އާންމުން ލާ ވޯޓުތައް ގުނާ ނިޒާމެކެވެ. ކަރުދާސް ފޮށްޓާއި ވޯޓު ކަރުދާހުގެ ބަދަލުގައި، އީވޯޓިން ނިޒާމް ބޭނުންކޮށްގެން ވޯޓުލާއިރު ބޭނުންވާނީ އެކަމަށް ހާއްސަ މެޝިނެކެވެ. ނުވަތަ އިންޓަނެޓަށް ކަނެކްޓްކޮށްފައި ހުންނަ ކޮމްޕިއުޓަރެކެވެ. ނުވަތަ އެހެނިހެން އިލެކްޓްރޯނިކް އާލާތްތަކެވެ.

ކޮންގޯގެ ރިޔާސީ އިންތިހާބުގައި ބޭނުންކުރި އީވޯޓިން މެޝިން / ފޮޓޯ: ގެޓީ އިމޭޖަސް

އެ މެޝިންތަކުގައި ނުވަތަ ކޮމްޕިއުޓަރުގައި، އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތު ހުންނާނީ ޑިސްޕްލޭ ކޮށްފައެވެ. ޖެހޭނީ އޭގެ ތެރެއިން ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އިނގިލި ޖައްސާލާށެވެ. ނުވަތަ އޮއްބާލާށެވެ. އެއަށްފަހު އެ މީހަކު ލީ ވޯޓެއް ރަޖިސްޓްރީވެ، ގުނިގެން ދާނެއެވެ. އަދި އެ ހުރިހާ މައުލޫމާތެއް ވަކި ސާވާއަކަށް ދާނެއެވެ.

އީވޯޓިން ސިސްޓަމް ތައާރަފް ކުރުމުން އެކަމުގެ ފައިދާ ބޮޑު

އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި ކެންޑިޑޭޓުންގެ މައުލޫމާތުތައް ހުންނަނީ ޑިސްޕްލޭ ކޮށްފައެވެ. އޭގެ ބަދަލުގައި ވޯޓު ކަރުދާސްތަކުގައި ކެންޑިޑޭޓުންގެ މައުލޫމާތު ޗާޕުކޮށްފައި ހުންނައިރު، ސެކިއުރިޓީ ފީޗާތަކާ އެކު ކަރުދާސްތައް ޗާޕްކުރުމަށްޓަކައި މިލިއަނުން ހަރަދުވެގެން ދެއެވެ. ވުމާއެކު، އީވޯޓިން ސިސްޓަމް ތައާރަފް ކުރުމުން، އިންތިހާބުތަކާ ދިމާކޮށް ކުރާ އެންމެ ބޮޑު ހަރަދު ކަމަށްވާ ކަރުދާހުގެ ހަރަދު މަދުވެ، އިންތިހާބުތަކުގެ އިންތިޒާމްތަކަށް ކުރާ ހަރަދުތަކާއި އޮފިޝަލުންނަށް ކުރާ ހަރަދުތައް ވެސް މަދުވެއެވެ.

އޭގެ އިތުރުން، ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރުމަށް ނަގާ ވަގުތު ވެސް މަދުވެއެވެ. ރާއްޖޭގައި ނަމަ، ބޮޑެތި އިންތިހާބުތަކުގެ ނަތީޖާ އިއުލާނުކުރުމަށް ހަފްތާއެއް ނޫނީ ދޮޅު ހަފްތާ ވަރު ނަގާއިރު އީވޯޓިން ތައާރަފް ކުރުމުން، ވޯޓް ގުނުމަށް އަދި ނަތީޖާ އިއުލާނު ކުރުމަށް ހޭދަކުރާ ވަގުތު ބޮޑުތަނުން ކުޑަކިރެވި ވަގުތުން ނަތީޖާ ލިބެއެވެ.

ހަމަ އެއާއެކު، އީވޯޓިން ތައާރަފް ކުރުމުން ވޯޓުލާ މަރުކަޒުތަކުގެ ކުރީމަތީގައި ދެފައިކޮޅަށް ލޭ އަރަންދެން ކިޔޫތައް ހަދައިގެން މީހުން ތިބޭ ތިބުން ވެސް ނިމުމަކަށް އަންނާނެއެވެ. މި ޒަމާނުގައި އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ވެފައި، އިންޓަނެޓްގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެ އިންތިހާބުތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދުތައް ވެސް އިތުރުވެގެން ދާނެއެވެ.

އީވޯޓިންގެ ސަބަބުން ރާއްޖެއަށް ފައިދާ ބޮޑު

ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖެ އެކުލެވިގެންވަނީ މީހުން އުޅޭ 200 އެއްހާ ރަށާއި 20 އަތޮޅުތަކުގެ މައްޗަށެވެ. ވުމާއެކު އިންތިހާބުތަކުގައި ވޯޓުލެވޭ މީހުން ވޯޓުލާން ޖެހޭނީ އެވަގުތު ރަޖިސްޓްރީވެފައިވާ ތަނަކަށް ގޮހެވެ. އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާ ނަމަ، އެ ރަށަކަށް ގޮސް ވޯޓުލާން ޖެހޭއިރު، ވޯޓުލާން ދިއުމަށްޓަކައި ހަރަދު ކުރަން ޖެހެއެވެ. އަދި ބައެއް މީހުން އަދާކުރާ ވަޒީފާގެ ސަބަބުން ނުވަތަ ބަލި ހާލަތު ހުންނަ ގޮތުން ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓު ލާން އުޒުރުވެރި ވެއެވެ.

ހަމަ އެއާއެކު، ވަކިވަކި ރަށްރަށަށް ވޯޓު ކަރުދާހާއި ފޮށިތަކާއި އޮފިޝަލުން ފޮނުވުމަކީ ވެސް ބޮޑު ހަރަދު ހިނގާ ކަންކަމެވެ. އޭގެ ތެރޭގައި އޮފިޝަލުންނަށް ދޭ އުޖޫރަ އާއި ދަރުތުފަތުރުގެ ހަރަދު ވެސް ހިމެނެއެވެ.

ނަމަވެސް، މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނަކަށް ވެފައި، ގިނަ މީހުންނަށް އިންޓަނެޓުގެ ހިދުމަތް ލިބި، އަތުގައި އެންމެ ޒަމާނީ ފޯނު އޮންނައިރު، އަދި ފަހުގެ ޓެކްނޮލޮޖީއަށް ގިނަ މީހުން ހޭލުންތެރިވަމުން ދާއިރު، ރާއްޖެއަށް އީވޯޓިން ތައާރަފް ކުރުމަކީ އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ފައިދާ ވާނެ ކަމެކެވެ.

އޭގެ އިތުރުން، ސަރުކާރުގެ ގިނަ އިދާރާތަކުން މިހާރު އޮންލައިންކޮށް ހިދުމަތް ދެމުން ގެންދާއިރު، އަދި ރާއްޖޭގެ މުސްތަގްބަލު ޓެކްނޮލޮޖީ އާ ގުޅިފައިވާއިރު، ރާއްޖެއަށް އީވޯޓިން ތައާރަފް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.