ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ކުރުމަށާއި އަސްކަރީ ރޫހުގައި އެމެރިކާއާ ކުރިމަތިލުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.

ކޮރެއާ ހަނގުރާމައަށް ނިމުންގެނައި އާމިސްޓިސްގައި ސޮއި ކުރުމަށް 69 އަހަރު ފުރުމުގެ މުނާސަބާގައި ތަގުރީރު ކުރައްވުން ކިމް ވަނީ، އެމެރިކާއާ ކުރިމަތިލުމަކީ ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކާ ހުށަހަޅާ ކަމެއް ކަމަށާ، އެހެނީ އެކަމުގެ ސަބަބުން އުތުރު ކޮރެއާގެ އަމިއްލަ ދިފާއު ވަރުގަދަ ކުރަން ޖެހުނު ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކިމް ވަނީ ކޮންމެ ފަދަ ކަރިސާއެއްގައިވެސް އެމެރިކާއާ ކުރިމަތިލުމަށް އުތުރު ކޮރެއާ ތައްޔާރު ކަމަށާ، ފުރިހަމަ ބާރާއެކު ނިއުކްލިއާ ހަތިޔާރުތައް ރުކުރުވާލަންވެސް އެ ގައުމު ތައްޔާރު ކަމަށް ވިދާޅުވެފައެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ނިއުކްލިއާ ހަތިޔާރާއެކު އަސްކަރީ ކުރިމަތިލުމަކަށް އުތުރު ކޮރެއާއިން ތައްޔާރު ކަމަށް ކިމް އިއުލާން ކުރެއްވުމުގެ ކުރިން، ދެކުނު ކޮރެއާއާއި އެމެރިކާގެ އޮފިޝަލުންވެސް ވަނީ އެފަދަ ކަމަކަށް އުތުރު ކޮރެއާ ތައްޔާރު ވެފައި ވާ ކަމަށް ހާމަ ކޮށްފައެވެ.

އެމެރިކާއަކީ ބައިނަލްއަގުވާމީ މައިދާނުން އިންތިހާއަށް އެކަހެރިވެ އޮތް އުތުރު ކޮރެއާއިން އެންމެ އަދާވާތްތެރި ގައުމުގެ ގޮތުގައި ސިފަ ކުރާ ގައުމެވެ. އެގޮތުން އެމެރިކާގެ ސިޔާސަތުތަކަކީ ދެފުށް ދެގޮތް ސިޔާސަތުތަކެއް ކަމަށާ، އެމެރިކާއަކީ އުތުރު ކޮރެއާއާ ދެކޮޅަށް، ހަތުރުވެރި ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް ކަމަށް އުތުރު ކޮރެއާއިން ތުހުމަތު ކުރެއެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ނުފެށި އުޅެނީވެސް އެ ސަބަބާ ހެދި ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފައެވެ.