މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 169 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި 188 މައްސަލަ ރިފަރަލް ގޮތުގައި ވަނީ ހުށަހަޅާފައެވެ. ރިފަރަލްއަކީ އެއް އިދާރާއަކުން އެހެން އިދާރާތަކަށް ހުށަހަޅާ މައްސަލަތަކެވެ. މީގެ ތެރޭގައި އެއް މައްސަލައެއް، އެއް އިދާރާއަކަށްވުރެ ގިނަ އިދާރާއަކުން ވެސް ހުށަހަޅާފައިހުރެއެވެ.

އޭގެތެރެއިން ޖެންޑާ މިނިސްޓްރީން 100 މައްސަލަ، ފުލުހުން 65 މައްސަލަ، ސިއްހީ ހިދުމަތްދޭ ތަންތަނުން 9 މައްސަލަ އަދި 04 މައްސަލައެއް ސީދާ އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ.

ދެވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 219 މައްސަލައެއް ވަނި ރިޕޯޓުކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 112 އަންހެނުންނާއި 22 ފިރިހެނުންނާއި 18 އަހަރުން ދަށުގެ 55 އަންހެން ކުދިންނާއި 18 އަހަރުން ދަށުގެ 25 ފިރިހެން ކުދިންނެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގެ 68 އިންސައްތަ ރިޕޯޓުކޮށްފައިވަނީ މާލެއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން މާލޭ ސަރަަހައްދުން 128 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ޖިސްމާނީ އަނިޔާގެ އަނިޔާގެ 117 މައްސަލައެއް ހުށަހަޅާފައިވާއިރު، ނަފްސާނީ އަނިޔާއާއި ބަހުގެ ހަމަލާ ދިނުމުގެ 116 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ބިރުދެއްކުމުގެ 83 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.