ޔޯގާ ހެދުމަކީ ޝިރުކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޯގާ އަކީ ޝިރުކެއް ކަން ދަންނަ ބޭކަލުންގެ އިޖުމާއު އެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި ފަހުން، ޔޯގާ އަކީ ޝިރުކުގެ ތެރެއިން ވަ ކަމެއް ކަމަށް އަދާލަތު ޕާޓީން ފަތުވާ ނެރުމުންނެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ގިނަ ދީނީ އިލްމުވެރިން އެކަން ކުށްވެރިކުރިއެވެ. މި މައްސަލައިގައި ގިނަ އާންމުންގެ ބަޔަކު ސަރުކާރަށް ވަނީ ފާޑުވެސް ކިޔާފައެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައި ވާއިރު ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުވެސް ކުރިއެވެ.

އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައި ވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައި ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.