މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދު ވެސް ލެއްވުމަށް އެދިވަޑައިގަންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ، މިނިވަން ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓެއްގައި ރައީސް ޔާމީން ވަނީ ދިވެހި ގައުމު އަބަދަށް މިނިވަންކަމުގައި ލެހެއްޓެވުމަށާއި ހާއިނުން ބަލިކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދަށްމެ ލަހައްޓަވާށި. ޚާއިނުން ބަލިކަށި ކުރައްވާށި. ގައުމަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށި. އާމީން،
ރައީސް އަބްދުﷲ ޔާމީން

މީޑިއާއަށް ވެސް ދުރު އަދި ސޯޝަލްމީޑީއާއާ ވަކިން ދުރު ރައީސް ޔާމީން ޓްވިޓާ އެކައުންޓެއް ހައްދަވާ ބޭނުންކުރައްވަން ފެއްޓެވީ މިއަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުއެވެ. މިއީ ރައީސް ޔާމީން ޓްވިޓާގައި ދިވެހި ބަހުން ފުރަތަމަ ފަހަރަށް ޓްވީޓު ކުރެއްވި ފަހަރެވެ.

ދިވެހި ގައުމު އަބަދަށް މިނިވަންކަމުގައި ލެހެއްޓެވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާއިރު ރައީސް ޔާމީން ގެންދަވަނީ އިންޑިއާގެ ނުފޫޒުން ދިވެހި ގައުމު މިނިވަންކުރުމަށްޓަކައި އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ގޮވާލައްވަމުންނެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއާއެކު އަތޮޅު ތެރޭގައިވެސް އެ ހަރަކާތް ވަނީ ފުޅާ ކޮށްފައެވެ. އަދި އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނާ ކަމަށް އެތައް ޕޯޑިއަމްއެއްގައި ޔާމީން ދަނީ ވިދާޅުވަމުންނެވެ.

ސަރުކާރުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގިނަ ގުނަ މަސައްކަތް ކުރައްވަމުން ގެންދާއިރު އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ.