ދުވާފަރު ކައުންސިލުން އެ ރަށުގައި ތިބި ޒަކާތު ފައިސާ ހައްގުވާ މީހުންނަށް އެ ފައިސާ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުލެވޭ ހިޔާނާތުގެ މައްސަލަ ހާމަވީ އެލްޖީއޭއިން ނެރުނު މޮނިޓަރިން ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ދުވާފަރުގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީން ވަނީ ސިވިލް ސާވިސް ގަވައިދާއި، މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލުކޮށްފައެވެ.

އެ ރިޕޯޓުން ހާމަވި ގޮތުގައި، ދުވާފަރުގެ ކައުންސިލުން ވަނީ ކައުންސިލަރުންނަށާއި ބައެއް މުވައްޒަފުންގެ އިތުރުން އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ އަމިއްލަ އެކައުންޓްތަކަށް ޖުމްލަ 2.62 މިލިއަން ރުފިޔާ ޖަމާކޮށް، އެއްވެސް ހުއްދައެއް ނެތި ނަގުދު ފައިސާއިން ރުފިޔާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ޒަކާތުގެ ގޮތުގައި ދޭން ޖެހޭ 318،600 ރުފިޔާ ވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިތުރު އަދި މުދަލު ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިގޮތުން ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިތުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތް ވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ މި ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

މީގެ އިތުރުން، ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ ހަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށާއި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ކަށަވަރުކުރެއްވުމަށްފަހު ނުނީ ހަބަރުތައް އާންމުނުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުލެވޭ ހިޔާނާތުގެ މައްސަލަ އާ ގުޅިގެން އޭސީސީން ބުނީ، އެ ކޮމިޝަނުން ދުވާފަރު ކައުންސިލްގެ މައްސަލަ ދިރާސާކޮށް ބަލަމުންދާ ކަމަށާއި، އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ.