ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ޝަރުތުތަކަށް ބަދަލުގެންނަން ވަގުތީ ގަވާއިދެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައިފިއެވެ.

އެކޮމިޝަނުން ބުނީ ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ލިބުނު ގެއްލުމުގެ ސަބަބުން ލައިސަންސްގެ ޝަރުޠުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިގަވައިދަކީ ބްރޯޑްކާސްޓްކުރުމުގެ ސިނާއަތް ފުޅާކުރުމުގެ ބޭނުމުގައި ލައިސަންސް ދޫކުރުމުގެ ޝަރުތުތަކަށް ބަދަލުގެނައުމުގެ ގޮތުން 2020، 2021 ވަނަ އަހަރުގައި ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ ނުދެއްކި ހުރި ފަރާތްތަކުގެ ލައިސަންސް އާކޮށްދިނުމުގައި ޚާއްޞަ އުސޫލަކުން އަމަލުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެއް ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެކޮމިޝަނުން ބުނީ، މި ގަވާއިދުގެ ބޭނުމަކީ، ބްރޯޑްކާސްޓްކުރުމުގެ ސިނާއަތު ފުޅާކުރުމުގެ ގޮތުން ހާލަތަށް ރިއާޔަތްކޮށް މައިގަނޑު ތިން މަގުސަދެއް ހާސިލުކުރުން ކަމަށެވެ.

ކަނޑައަޅާފައިވާ މަގްސަދުތަކަކީ؛

  • ލައިސަންސްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ އާއި، އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް އުސޫލެއް ކަނޑައެޅުން.
  • ފައިސާ ނުދެއްކުމުގެ ސަބަބުން ލައިސަންސް އައުކުރުމަށް ހުރަސްއެޅިފައިވާތީ ލައިސަންސް އައުކުރުމަށް މަގުފަހިކޮށްދިނުން.
  • ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ އަހަރީފީ ދެއްކިފައިނުވާ ފަރާތްތަކުގެ ފައިސާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުން.

މި ގަވާއިދުގެ ދަށުން ލައިސަންސް އާކޮށްދޭ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ ލައިސަންސްފީ ދައްކައިފައިނުވާނަމަ، އެފަރާތެއްގެ ލައިސަންސް ހިފެހެއްޓުމަށްފަހު އެ ފަރާތެއްގެ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނެ ކަމަށް އެގަވައިދުގައިވެއެވެ.

އެކޮމިޝަނުން ބުނީ، މި ގަވައިދު ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު މި ގަވާއިދު ދެމިއޮންނާނީ 2024 ވަނަ އަހަރުގެ މާޗު މަހާ ހަމައަށެވެ.