މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރާ ކުޑަގިރިއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އިންޖީނުގޭގެ މަސައްކަތް ނިންމައި، އެ ރަށުގައި ގާއިމްކުރި ނެޓްވޯކަށް ރަސްމީކޮށް ކަރަންޓު ދޭން ފަށައިފިއެވެ.

ކުޑަގިރީގައި ގާއިމްކުރި ނެޓްވޯކަށް ކަރަންޓު ދޭން ފެށުން މިއަދު އިފްތިތާހު ކޮށްދެއްވާފައި ވަނީ ފެނަކައިން ކުޑަގިރީގައި އިމާރާތް ކުރި އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ އިންޖީނުގެއާ ގުޅޭގޮތުން މައުލޫމާތު ދެމުން ފެނަކައިން ބުނީ:

  • 350 ކިލޯވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އެ އިންޖީނުގޭގައި ހުންނާނެ ކަމަށް
  • އެ އިންޖީނުގެ އިމާރާތް ކޮށްފައި ވަނީ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށް
  • އިންޖީނުގެއާ އެކު، 50،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތްވެސް ގާއިމްކޮށްފައިވާ ކަމަށް

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓު އަވިން އުފެއްދޭނެ ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް ފަށައި ކުރިއަށް އެބަ ދެއެވެ.

އާންމުންނަށް ކުޑަގިރި ހުޅުވާލަން ސަރުކާރުން ނިންމާފައިވަނީ މާދަމާ ފާހަގަކުރާ މިނިވަން ދުވަހާ ދިމާކޮށެވެ. ނަމަވެސް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުޑަގިރީގައި އަދިވެސް ބައެއް މަސައްކަތްތައް ކުރަން ޖެހޭތީވެ އެ ރަށް ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

ކުޑަގިރީގައި ފެނަކައިން ހެދި އިންޖީނުގެ

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 41.4 މިލިއަން ރުފިޔާ އަށް، 150 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. އެ ރަށުގެ މަސައްކަތް ގޮސްފައި އޮތް ހިސާބަށް ބަލާލާއިރު، އެމްޓީސީސީން މިހާރު ކުރިއަށް ގެންދަނީ ކުޑަގިރީގައި ޖެޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތެވެ.

މާލޭގެ އާންމުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދެކެވެ.