މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ) މިއަދު ދޫކޮށްލައިފިއެވެ.

ހުނޫގެ ބަންދު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ހުނޫ ދޫކޮށްލަން ކޯޓުން ނިންމާފައިވަނީ ފެނުނު މަސްތުވާތަކެއްޗާއި އޭނާ އާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ.

ކްރިމިނަލް ކޯޓުން ފާހަގަކުރި ކަންކަމުގެ ތެރޭގައި:

  • މަސްތުވާތަކެތި ފެނުނީ ހުނޫ ދިރިއުޅޭ ތަނުން ނޫންކަން
  • ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވުން
  • އެ ތަކެތި އޭނާ އާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުން

އެހެންކަމުން ހުނޫ ދޫކޮށްލަން ކޯޓުން ވަނީ ނިންމައިފައެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޫގެ އިތުރުން، އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކެނަބިހާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދެ ދައުވާ އާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ފުރަތަމަ ޖަދުވަޅުގައިވާ މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ހުނޫ އަކީ ފިލްމު ކުޅުމުގެ އިތުރުން ޓިކްޓޮކުން ވެސް ފެނިގެންދިޔަ ފަންނާނެކެވެ. "ހުވާ" ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެން ދިޔަ ހުނޫ ވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.