މި މަހު މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ވައިގަދަވެ، އަދި އުދަ އެރުމުގެ ސަބަބުން ރަށްތަކަށް ލިބުނު ގެއލުން ދެނެގަތުމަށް ކުރި މަސައްކަތުގައި 9 ރަށަކުން 261 ގެއަކަށް ގެއްލުން ލިބިގެން ފޯމު ހުށަހަޅާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ، މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ އޮތޯރިޓީއަށް ޑެމޭޖް އެސެސްމަންޓް ފޯމް ހުށަހަޅާފައި ވަނީ 9 ރަށަކުން 261 ފޯމް ކަމަށެވެ. އެއީ ސ. މަރަދޫން 8 ގެއެއްގެ ފޯމާއި، ސ. މަރަދޫފޭދޫން 20 ގެއެއްގެ ފޯމާއި، ށ. ބިލެއްފަހިން 2 ގެއެއްގެ ފޯމާއި، ގދ. ރަތަފަންދޫން 8 ގެއެއްގެ ފޯމާއި، ތ. ތިމަރަފުށީން 61 ގެއެއްގެ ފޯމާއި، ގދ. މަޑަވެލިން 67 ގެއެއްގެ ފޯމާއި، ހދ. ވައިކަރަދޫން 2 ގެއެއްގެ ފޯމުގެ އިތުރުން ގދ. ފިޔޯރިން 11 ގެއެއްގެ ފޯމާއި ގދ. ހޯޑެއްދޫން 82 ގެއެއްގެ ފޯމެވެ.
އެންޑީއެމްއޭއިން ބުނީ، މިހާތަނަށް ލިބިފައިވާ ފޯމްތަކުގައި ހުރި މައުލޫމާތަށް ބަލާއިރު، ގޯތިދެގޮރާއި، ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ފަދަ ގެއްލުންތަކެއް 9 ރަށެއްގެ 96 ގެއަކަށް ލިބިފައިވާ ކަމަށް ދައްކާ ކަމަށެވެ. އެއީ ޖުމްލަ އެސެސްމަންޓް ފޯމްތަކުގެ 40 ޕަސެންޓް ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވަނީ ދަނޑުވެރިންނަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ފޯމްތަކުގެ ތެރެއިން 4 ރަށަކުން 110 ގޭބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެއީ ލިބުނު ފޯމްތަކުގެ 46 ޕަސެންޓް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ދަނޑުބިންތަކަށް ގެއްލުން ލިބިގެން ރިޕޯޓް ކުރި ރަށްތަކަކީ، މަޑަވެލި، ފިޔޯރި، ހޯޑެއްދޫ އަދި ތިމަރަފުއްޓެވެ.
ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، އާމްދަނީ ހޯދުމަށް ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބު ގަސް މަރުވެގެން ވަނީ ރިޕޯޓް ކޮށްފައެވެ.
މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީއެމްއޭ އިން ބުނެއެވެ.