ފުލުފުލުގައި އިލެކްޝަންސް ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ސަބަބުން ހަރަދު ބޮޑުވެފައިވާއިރު، ބައި-އިލެކްޝަންތަކަށް ލިބޭ ތަރުހީބު ކުޑަވުމުން އިލެކްޝަންސް ކޮމިޝަނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރަށްރަށުގެ ކައުންސިލްތަކުންނާއި، އަންހެނުންގެ ކޮމިޓީތަކުން މަގާމްތައް ހުސްވުމާއެކު، ކޮންމެ ފަހަރަކު ވެސް އެ މަގާމްތަކަށް މީހުން އިންތިހާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ލައްކައިން ހަރަދުކުރާއިރު، ހަރަދު ބޮޑުވެ އެކަމުގެ ޝަކުވާ އެ ކޮމިޝަނުން ވަނީ މަޖިލީހުގައި ވެސް އަދި އެޓާނީ ޖެނެރަލްގެ އަރިހުގައި ވެސް އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ އައްޑޫ ހިތަދޫގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާފައި ވަނީ އެންމެ 1،009 މީހުންނެވެ. އެއީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 12،099 މީހުންގެ 8.34 ޕަސެންޓެވެ.
އިއްޔެގެ ބައި-އިލެކްޝަނަށް ފަހު ކުރެއްވި ޓްވީޓްގައި އިސްމާއީލް ހަބީބު ވިދާޅުވީ، ވޯޓުލާ މީހުން މަދުވުމުގެ މައްސަލައަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ބައި-އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނައިން ހަރަދުކުރާއިރު، މިއީ ކުރެވޭ ބޮޑު އިސްރާފެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްމާއީލް ހަބީބް މިފަދައިން ވިދާޅުވިއިރު، "ދަ ޕްރެސް"ގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ކޮމިޝަންގެ މެންބަރުންގެ ދަތުރުފަތުރާއި، އިންތިހާބުގެ އިންތިޒާމްތަކާއި، އޮފިޝަލުން ހަމަޖެއްސުން ފަދަ ކަންކަން ހިމެނޭހެން ކޮންމެ ބައި-އިލެކްޝަނަކަށް ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވެ، ކޮމިޝަންގެ ބަޖެޓަށް ބާރު ބޮޑުވެއެވެ.
"ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދޮޅު ލައްކައެއްހާ ރުފިޔާ އެބަ ހަރަދުވޭ. އެހެންވީމަ [ކޮމިޝަންގެ] ބަޖެޓަށް ވެސް ވަރަށް ބޮޑު ތާށިކަމެއް އަންނަ ކަމެއް މިިއީ. އެ ވާހަކަ މަޖިލިހަށް އަދި އެޓާނީ ޖެނެރަލަށް ހުށަހަޅާފަ އޮންނާނެ." ފުވާދު ވިދާޅުވިއެވެ.
އެކި ސަބަބުތަކާ ހުރެ، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނާއި ކައުންސިލަރުން އިސްތިއުފާ ދެމުން ގޮސްފައިވާއިރު، އެންމެ ގިނައިން އިސްތިއުފާދީފައި ވަނީ ކޮމިޓީތަކުގެ މެންބަރުންނެވެ.
މީގެ ކުރިން މަޖިލިހަށް ފޮނުވި ސިޓީއެއްގައި އެކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނި ގޮތުގައި މިއަހަރު މަދުވެގެން 50 އަކަށް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބެލެވެއެވެ. އަދި އެ ބައި-އިލެކްޝަންތަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމުގައި ވެސް އެ ސިޓީގައި ބުނެފައިވެއެވެ.