ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގައި އިރާ އެންމެ ދުރު ޕްލެނެޓްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބެލުމަށްފަހު، ސޯލާ ސިސްޓަމްގެ ޕްލެނެޓެއް ނޫން ކަމަށް ކަނޑައަޅާފައި ވާ ޕްލޫޓޯގެ ކުލަ ފޮޓޯތަކެއް ނާސާއިން ދައްކާލައިފިއެވެ.
އިންސްޓަގްރާމް އަށް ދޫކޮށްލި ފޮޓޯއާއެކު ނާސާއިން ހިއްސާކުރި މައުލޫމާތުގައި ބުނެފައި ވަނީ އެ ފޮޓޯއަކީ ނާސާގެ ނިއު ހޮރައިޒަންސްގެ ސައެންސްވެރިން ތައްޔާރު ކޮށްފައި ވާ ފޮޓޯއެއް ކަމަށާ، އެ ފޮޓޯއިން ދައްކުވާދެނީ ޕްލޫޓޯގެ އެކި ސަރަހައްދުތަކުން ފެންނަ އެކި ކުލަތައް ކަމަށެވެ.
ނާސާގެ ސަތަހައަކީ އާދަޔާ ހިލާފު ސަތަހައެއް ކަމަށާ، ފަރުބަދަތަކާއި ވަޅުގަނޑުތަކާ ޖެހިގެން އޮމާން، ސަރާސަރު ސަރަހައްދުތައްވެސް ޕްލޫޓޯގައި ހުންނަ ކަމަށް ނާސާއިން ބުނެއެވެ.
ޕްލޫޓޯގެ ވާތް ފަރާތަށް ބަލާނަމަ ފެންނަނީ ނޫ-ފެހި ކުލައިގެ ކުލަވަރުތަކެކެވެ. ދަނބު ކުލަވެސް ހިސާބަކަށް ފެނެއެވެ. ކަނާތް ފަރާތުން މައިގަނޑު ގޮތެއްގައި ފެންނަނީ ރީނދޫ-ފެހި ކުލަވަރެކެވެ. އަދި ޕްލޫޓޯގެ ދަށް ފަރާތް އޮންނަނީ ޒާތެއްގެ ރަތް-އޮރެންޖު ކުލައަކަށް ކަންވެސް ނާސާގެ ޕޯސްޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ޕްލެނެޓެއްގައި ހަމަވާންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަ ނުވާ ކަމަށް ބުނެ، ޕްލޫޓޯއަކީ މި ސޯލާ ސިސްޓަމްގެ ޕްލެނެޓެއް ނޫން ކަމަށް ކަނޑައެޅީ 2006 ވަނަ އަހަރުއެވެ. ޕްލޯޓޯއަށް މިހާރު ނިސްބަތް ކުރަނީ ޑްވޯފް ޕްލެނެޓެއްގެ ގޮތުގައެވެ. ޕްލޫޓޯ އެންމެ ފުރަތަމަ ފެނުނީ 1930 ވަނަ އަހަރުއެވެ.
ނާސާގެ ނިއު ހޮރައިޒަންސް ޖައްވީ އުޅަނދު، ޕްލޫޓޯއާ ގާތުން ދަތުރު ކުރީ ޖުލައި 14، 2015 ގައެވެ. އެ ޖައްވީ އުޅަނދުން ވަނީ ޕްލޫޓޯގެ ތަފްސީލީ މައުލޫމާތުތަކެއް އެއްކޮށްފައެވެ.
ޕްލޫޓޯ އެނބުރެމުންދާ ގޮތަށް ބަލާއިރު އޭގެ މަގާމުގައި ޕްލޫޓޯ ބުރެއް ޖަހަނީ ނުވަތަ ޕްލޫޓޯ ރޮޓޭޝަންއަށް ހޭދަ ވަނީ ދުނިޔަވީ ދުވަހުން ބަލާނަމަ 6.387 ދުވަހުގެ މުއްދަތެވެ.
ތިތަނުގައިވެސް ޕާޓީ ކުލަތައް ފަތުރާލާފައި..