ސްރީލަންކާގެ ވެރި ރަށް ކޮޅުނބުގައި، އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ މައި ކޭމްޕު ރުޅާލާ، މުޒާހަރާގެ ލީޑަރުންތަކެއް ހައްޔަރު ކޮށްފިއެވެ.

ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ މައިދާން ރުޅާލާ، ލީޑަރުންތަކެއް ހައްޔަރު ކޮށްފައި ވާ އިރު، އެ ސަރަހައްދުގައި ހުރި ޓެންޓުތައް ނެގުމުގެ މަސައްކަތް ވެސް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސްރީލަންކާގެ ރައީސް އޮފީސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން އެ ސަރަހައްދުން ފޮނުވުމުގައި އަސްކަރިއްޔާއާއި ފުލުހުންގެ އެތައް ސަތޭކަ އޮފިސަރުންނެއް ހަރަކާތްތެރި ވި ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ބީބީސީގެ ވީޑީއޯ ޖާނަލިސްޓަކަށް އަސްކަރިއްޔާއިން ހަމަލާ ދީ ފައި ވާ ކަމަށާ، އަދި އޭނާގެ ފޯނު އަތުލާ، އޭގައި ހުރި ވީޑިއޯތައް ޑިލީޓް ކޮށްފައި ވާ ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީލަންކާގައި މިހާރު ކުރިއަށް ދާ މުޒާހަރާތަކަކީ ގައުމު އިނދަޖައްސާލި ކަމަށް އެ ގައުމުގެ ގިނަ ރައްޔިތުން އިއްތިފާގުވާ ރާޖަޕަކްސަ ހާންދާނުގެ ހިޔަނީގައި މަސައްކަތް ކުރައްވަމުން ގެންދެވި ރަނީލް ވިކްރަމަސިންހަ، އެ ގައުމުގެ ރައީސް ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ރަނީލް ވިކްރަމަސިންހަގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. ރަނީލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރެއްވި ރަނީލް ވިކްރަމަސިންހަ ވަނީ ސަރުކާރާ ވައްޓާލަން މަސައްކަތް ކުރުމާއި، ސަރުކާރުގެ އިދާރާތައް ހިންގާ އިމާރާތްތައް ހިސޯރު ކުރަން އުޅުމަކީ ޑިމޮކްރަސީގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ، އެފަދަ ހަރަކާތްތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ސާބިތު ކަމާއެކު ގާނޫނު ހިންގަވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ދިވެހިރާއްޖެ މަގުން ގައުމުން ފިއްލަވާ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު އިސްތިއުފާ ދެއްވި ގޮތަބާޔާ ރާޖާޕަކްސަގެ ވެރިކަމުގެ ދައުރުން ބާކީ އޮތް ދުވަސްތައް ފުރިހަމަ ކުރެއްވުމަށް ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް ޖުލައި 20 ވަނަ ދުވަހު އައްޔަން ކުރެއްވުނު ރަނީލް ވިކްރަމަސިންހަ އަމާޒު ހިއްޕަވާފައި ވަނީ ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމު ކުރައްވާ، ބައިނަލްއަގުވާމާލީ މާލީ އިދާރާ (އައިއެމްއެފް)ގެ 3 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖު ކަށަވަރު ކުރެއްވުމަށެވެ.

އައިއެމްއެފްގެ އެހީގެ ޕެކޭޖު ހަމަޖެހެންދެކަށްވެސް އެ ގައުމަށް މާލީ އެހީ ބޭނުން ވާއިރު، އިންޑިއާއާއި ޗައިނާ ފަދަ އެކުވެރި ގައުމުތަކުގެ އެހީ ހޯދުމަށް މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް، ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ ނަންދަލާލް ވީރަސިންހަ ވަނީ ކުރައްވާފައެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ އެކުލަވާލާފައި އޮންނަ ގޮތުން ދައުލަތާއި، ސަރުކާރުގެ އިތުރުން އަސްކަރިއްޔާގެ އެންމެ އިސްވެރިއަކީ ރައީސްއެވެ. ނަމަވެސް ވެރިކަން ހިންގުމުގެ ގިނަ ޒިންމާތަކެއް ބޮޑުވަޒީރާވެސް ހިއްސާ ކުރައްވާފައެވެ. ބޮޑުވަޒީރަކީ ގާނޫނު ހަދާ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީ ތަމްސީލު ކުރައްވާ ލީޑަރުވެސްމެއެވެ.