މަޝްހޫރު މައިކްރޮސޮފްޓް ކޮންފުނީގެ މެސެޖިންގް އެޕްލިކޭޝަން – އެމްއެސް ޓީމްސް، މިއަދު ހެނދުނުގެ ވަގުތެއްގައި އެތައް ހާސް ކަސްޓަމަރުންނަކަށް ޑައުންވި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް މައިކްރޮސޮފްޓް ކުންފުނިން ބުނެފިއެވެ.

މައިކްރޮސޮފްޓް ޓީމްސްގެ ހިދުމަތް މެދުކެނޑުނީ އިންޓާނަލް ސްޓޯރޭޖާ ގުޅާލި ކަނެކްޝަނެއްގައި މައްސަލަތަކެއް ހުރެގެން ކަމަށް ވޮޝިންގްޓަންގައި މަރުކަޒު ކޮށްގެން ހިންގާ ދަ ރެޑްމަންޑް ކުންފުނިން ފާހަގަ ކޮށްފައި ވާ އިރު، ޓީމްސް ޑައުން ވުމުގެ ސީދާ އަސަރު ފޯރީ ކިހާ މީހުންނަކަށް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

މައިކްރޮސޮފްޓް ޓީމްސްއަކީ ގިނަ ކުންފުނިތަކެއްގެ އެތެރޭގެ މުއާމަލާތްތަކުގައި އިންތިހާއަށް ބޭނުން ކުރުމުންދާ ހިދުމަތެކެވެ. ދުވަހުގެ މަސައްކަތްތައް ރާވާލުމާ ހިސާބުން ފެށިގެން ކުންފުނި ތެރޭގައި އެކަކު އަނެކެކާ ކުރާ މުއާމަލާތްތައް ކުރުމަށް އެމްއެސް ޓީމްސް ބޭނުން ކުރާ އިދާރާތައް ގިނައެވެ.

ޑައުންޑިޓެކްޓާއިން ހާމަ ކޮށްފައި ވާ ގޮތުގައި މައިކްރޮސޮފްޓް ޓީމްސް ޑައުންވެގެން ބުދަ ދުވަހުވެސް 4800 ރިޕޯޓް ކޮށްފައިވެއެވެ. މައިކްރޮސޮފްޓް އޮފީސް 365 އަށް މައްސަލަތަކެއް ދިމާވެގެންވެސް 150 ކޭހެއް ރިޕޯޓް ކޮށްފައި ވާ ކަމަށް ޑައުންޑިޓެކްޓާއިން ވަނީ ހާމަ ކޮށްފައެވެ. މައިކްރޮސޮފްޓްއިންވެސް ވަނީ މައްސަލަތަކެއް އުޅޭކަން ކަށަވަރު ކޮށްދީފައެވެ.

ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު ވަރުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިދުމަތަށް ބުރޫ އެރުމުގެ ގިނަ ހާދިސާތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ފޭސްބުކްގެ އެކި ޕްލެޓްފޯމްތައް ގާތްގަނޑަކަށް 6 ގަޑިއެއްހާއިރަށް މެދުކެނޑިގެން ދިޔަ ދިއުން ފާހަގަ ކުރަން ޖެހެއެވެ.